ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ ކަނޑުމަހުން ނަގަމުންދާ އިމްޕޯޓް ޑިއުޓީ 2028 ވަނަ އަހަރާ ހަމައަށް ސަސްޕެންޑް ކުރަން އެ ގައުމުން މިއަދު ނިންމައިފިއެވެ.
ރާއްޖެއިން ޔޫރަޕަށް ފޮނުވާ މަހުން 20 ޕަސެންޓް ޑިއުޓީ ނަގަމުންދާތީ މަހުގެ އަގު ދަށްވާ ކަމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ. އެ ޑިއުޓީ ކަނޑާލުމާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުން އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރަމުންދިޔަ ނަމަވެސް މިހާތަނަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރާ އިރު، ރާއްޖެއަކީ އެ ގައުމަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ.
މި ނިންމުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުޅާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ދެ ގައުމު ދެމެދު އޮތް ގާތް ގުޅުމާއި ދެމެހެއްޓެނިވި ވިޔަފާރި އަދި އިގުތިސާދީ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެން ވިޔަފާރިތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، މަސްވެރިންނަށް ވިއްކާ އަގު ރަނގަޅުވާނެ ކަމަށެވެ. ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެ ބާޒާރުގައި ވާދަކުރުމުގެ ފުރިހަމަ އަދި ހަމަހަމަ ފުރުސަތެއް މިހާރު ފަހިވެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ދެ އަހަރަށް ކަނޑާލަން އިނގިރޭސިވިލާތުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ