އަދަދު ނޫހުން އުފެއްދި އައިޝާ ޑޮކިއުމެންޓަރީގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތެއްކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން އެ މައްސަލައިގައި ނޫސްވެރިންގެ މައްޗަށް ގަޒުފްގެ ދައުވާ އުފުލުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިހާރު ވައިރަލްވެފައިވާ އެ ޑޮކިއުމެންޓްރީ އުފެއްދި މައްސަލައިގައި ގަޒުފްގެ ދައުވާ އުފުލާފައި ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށެވެ.
މި ދައުވާ ސާބިތުވެއްޖެ ނަމަ 80 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި ޑޮކިއުމެންޓަރީގައި މަސްދަރަކާ ހަވާލާދީ ތުހުމަތުކޮށްފައިވަނީ މުއިއްޒު، ރައީސް އޮފީހުގެ މުވައްޒަފަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ޒިނޭ ކުރި ކަމުގެ ތުހުމަތެއް ނޫން ކަމަށާއި، އެކަން ފާހަގަކުރެވިދާނީ ބަދުއަހުލާގީ އަމަލެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގަޒުފްގެ ދައުވާއަކީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމުން އަންނަ ދައުވާއަކަށް ވާއިރު، ޑޮކިއުމެންޓަރީގައި އެފަދަ ވާހަކައެއް ނެތް ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ މިންވަރުން ގަޒުފްގެ ދައުވާއަކީ ޒިނޭ ކުރިކަމުގެ ތުހުމަތުގެ ދައުވާ. އަޅުގަނޑު އެހިން އެ ޑޮކިއުމެންޓަރީގައި ޒިނޭގެ ވާހަކައެއް ނާދޭ. ސެކްސްކުރި ކަމަށް އެ ތުހުމަތު ކުރަނީ. ބަދުއަހުލާގީ އަމަލު ގޮތުގައި އެކަން ފާހަގަ ކުރެވިދާނެ. އެހެން ނަމަވެސް އެއީ ޒިނޭގެ ގޮތުގައި ގާނޫނީ ހަމަތަކުން ފާހަގަ ކުރެވޭ ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް، " ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައިގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ތުހުމަތުތައް ކުރި ކަމަށް ބުނާ މީހާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ މީހާ ދެއްކި ވާހަކަތައް ރިޕޯޓުކުރި ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޝަރީއަތް ނިމެންދެން މި ވާހަކަ ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައި އޮތުމަކީ ވެސް މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަމެއް އަދި އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް އަޅުގަނޑުމެންނަކަށެއް ސާފެއް ނުވޭ. އެހެންވީމަ ތަކުރާރުކޮށް މި ވާހަކަ ދައްކަމުން ގެންދާން އެބަޖެހޭ. އަދި އަޅުގަނޑު ދެކޭ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން އެއީ މި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. މިކަމުގައި އަޅުގަނޑުމެން އިހުތިޖާޖުކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައިގައި ރާއްޖޭގެ ކުރީގެ ތިން ރައީސުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ޕާޓީން ތެދުވުމަށް އެދިވަޑައިގެންފައެވެ.
މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ދުއުވާ އުފުލުމަށް ފަހު ޝަރީއަތްތައް ސިއްރުކޮށްގެން ގެންދިޔުމަށާއި މައްސަލަ އާއި ޑޮކިއުމެންޓަރީއާ ގުޅޭ ވާހަކަ އަދި ހަސްމެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން ހުއްޓުވުމަށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
މި މަހުގެ 10 ވަނަ ދުވަހު އެ އަމުރު ނެރުނު ހަބަރު ލިޔުނު ނޫސްވެރިންގެ ތެރެއިން ހަމައެކަނި އަދަދު ނޫހުގެ ލީވާން އަލީ ނަސީރުގެ މައްޗަށް ދައުވާ އުފުލައި 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވާއިރު، މެއި 11 ގައި ބޭއްވި ރައީސްގެ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ސުވާލަކާކާ ގުޅިގެން ޖެހިގެން އައި ދުވަހު ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ.
ނޫސްވެރިންނަށް ގަޒުފްގެ ދައުވާކުރުމުގެ ގާނޫނީ ހަމައެއް ނެތް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ