ހަ އަހަރަށް ފަހު ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވާން ނިންމި، މަޝްހޫރު ކޯޗު، އަލީ ނިސްތާރު މުހައްމަދު، އެ ކްލަބްގައި މަޑުކުރަން ޓީމުގެ މެނޭޖްމަންޓުން އެދުމާ އެކު، އެ ގޮތަށް ނިންމުން ބަދަލުކޮށްފި އެވެ.
ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްގައި އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި، ނިސްތާރު، ގްރީން ސްޓްރީޓްސް އިން އިސްތިއުފާ ދޭން ނިންމިކަން އިއުލާނުކުރީ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އޭނާ އެ ކްލަބް ދޫކޮށްލަން ނިންމި މައިގަނޑު ސަބަބަކީ، ކްލަބްގެ މިސްރާބު ދާ ގޮތުންނެވެ.
ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުގައި ހުރި އަލީ ނިސްތާރު މުހައްމަދު، ހަ އަހަރަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފިކަން ވަނީ އިއުލާނުކޮށްފައި. ނިސްތާރު، ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ހަވާލުވީ 2020 ވަނަ އަހަރު. އޭނާ ވަނީ މީގެ ކުރިން، އއ. މާޅޮހާއި ށ. ފޯކައިދޫ އަށް ދިވެހި ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފައި.
އެކަމަކު، ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓުން ވަނީ ނިސްތާރު ކްލަބުން ވަކިވާން ނިންމި ނިންމުން ބަދަލުކޮށް، އެކުގައި މަސައްކަތް ކުރަން ކަންކަން ހައްލުކޮށްފަ އެވެ. އެކަން ނިމިގެންދިޔައީ، ދެ ފަރާތުގެ މެދުގައި ބޭއްވުނު ބައްދަލުވުމަކަށް ފަހު އެވެ.
އެ ގޮތުން، "އަދަދު ސްޕޯޓްސް" އަށް ނިސްތާރު ބުނީ، ގްރީން ސްޓްރީޓްސްގެ ވައިސް ޗެއާޕާސަންގެ މުއާވިޔަތު ހަލީލް (މުއާބެ) އާއި ކްލަބްގެ މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަ ތަކަށް ފަހު ކްލަބްގައި މަޑުކޮށް، އިއްޔެ ޕްރެކްޓިސްތައް އަލުން ފަށާފައިވާނެ ކަމަށެވެ.
އަދި، ގްރީން ސްޓްރީޓްސްގެ ސީނިއާ ކުޅުންތެރިން ކަމަށްވާ، ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ގެ އިތުރުން އަންސަރު އިބްރާހިމް (އަންކޮ) އާއި މުހައްމަދު ޖައިލަމް (އޮގީ) ވެސް ޓްރެއިނިންތަކުގައި ބައިވެރިވެފައިވާ ކަމަށް ނިސްތާރު ފާހަގަކުރިއެވެ.
ކުރިން، އއ. މާޅޮހާއި ށ. ފޯކައިދޫ އަށް ވެސް ކޯޗުކޮށްދިން ނިސްތާރު ބުނީ، އޭނާ ކޯޗަކަށް މަޑުކުރަން ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލޭ ވެސް އެދުނު ކަމަށެވެ. އަދި، ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓާއި ހާއްސަކޮށް މުއާބެގެ އިތުރުން ކުޅުންތެރިންނާ ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން ކްލަބްގައި މަޑުކުރާ ގޮތަށް ނިންމުން ބަދަލުކުރުން މުހިންމުކަމަށް ފެނުނީކަން ނިސްތާރު ފާހަގަކުރި އެވެ.
"ވަރަށް އުނދަގޫވި ނޫނެކޭ ދެން ބުނަން. ދެ ފަހަރެއްގެ މަތިން މަންމަ އާއި ބައްޕަ ބަލިވެ އުޅުނުއިރު، އަހަރެން ވެސް ހޮސްޕިޓަލްގައި އޮންނަން ޖެހުނުއިރު، މުއާބެ ވަރަށް އެހީވި. އެ ކަހަލަ ގާތްކަމާއި އިތުބާރު އޮންނަ ބައެއްގެ ފަރާތުން އަންނަ ކަމަކަށް ނޫނެކޭ ބުނަން އުނދަގޫވާނެ،" 2020 ވަނަ އަހަރުން ފެށިގެން ގްރީން. ސްޓްރީޓްސްގެ ކޯޗުކަން ކުރަމުން އަންނަ ނިސްތާރު ބުންޏެވެ.
ގްރީން ސްޓްރީޓްސް އިން މިހާރު ތައްޔާރުވަމުން އަންނަނީ ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން އަށެވެ. އެ ގޮތުން، އެ ކޮލިފިކޭޝަންގެ ހަތަރު ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެއީ، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީސީ ސްޕޯޓްސް ކްލަބާއި އަށް ވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ. މި ހަ ޓީމު ކުޅޭ ކޮލިފިކޭޝަން ބުރުން ގަދަ ހަތަރެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.
ގްރީން ސްޓްރީޓްސް އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅެން އޮތް އެންމެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މެޗަށް ހާޒިރެއްނުވެ އެވެ.އެ ގޮތުން، އެ މެޗަށް ހާޒިރުނުވި މައްސަލައިގައި، އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ގްރީން ސްޓްރީޓްސް 50،000 ރުފިޔާގެ ޖޫރިމަނާކޮށް، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ދޭން އެފްއޭއެމް އިން ނިންމި އެވެ. އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ.
ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓުގެ އެދުމާ އެއްގޮތަށް ނިސްތާރު ކްލަބްގައި މަޑުކުރަން ނިންމުން ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ