ޕެންޝަން އޮފީހުގެ ޗެއާޕާސަނަކަށް ބޯޑް މެމްބަރު މަޖީދު

ޕެންޝަން އޮފީހުުގައި ޗެއާމަނެއްގެ އިތުރުން މުހިންމު މަގާމުތައް ހުސްވެފައިވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އެ އިދާރާއަށް އައު ޗެއާމަނެއް މިއަދު އައްޔަންކޮށްފިއެވެ. މިއަދު ޕެންޝަން އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ އިދާރާގެ އައު ޗެއާޕާސަން ކަމަށް ބޯޑު މެންބަރު ޢަބްދުލްމަޖީދު ޢަލީ އައްޔަންކުރިކަން ހާމަކޮށްފައެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކުގެ ފަރާތުން ޢަބްދުލްމަޖީދު ޑިރެކްޓަރެއްގެ މަގާމު އެންމެ ފުރަތަމަ ފުރުއްވީ ފެބްރުވަރީ 10، 2022އިން މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު، މިދިޔަ އަހަރުގެ މާރިޗު މަހުގެ 10ވަނަ ދުވަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ އެ މަގާމުގައެވެ. https://x.com/PensionOffice/status/2058160295819001928 ޢަބްދުލްމަޖީދު މީގެ ކުރިން ވަނީ، ބޭންކް އޮފް ސިލޯނާއި ގައުމީ ބޭންކު ބީއެމްއެލްގައި ވަޒީފާ އަދާކުރައްވައި، ބޭންކިންއާއި މާލީ ދާއިރާއިން ތަޖުރިބާ ހާސިލްކުރައްވައިފައެވެ. އަދި އަމިއްލަ ވިޔަފާރިތަކުގެ ފަރާތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ބޯޑު މެންބަރުކަން ކުރައްވައި، އެ އިދާރާގެ އޮޑިޓް ކޮމިޓީގައި ވެސް މަސައްކަތްކުރައްވާފައި ވެއެވެ. އޭނާ ވަނީ، ވޭލްސްގެ ކާޑިފް ޔުނިވާސިޓީން ބައިނަލްއަގުވާމީ އިގުތިޞާދާއި ބޭންކިންއާއި މާލީ ދާއިރާއިން މާސްޓާސް އޮފް ސައިންސް ހާސިލްކުރައްވައި، އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން ވިޔަފާރިއާއި ބޭންކިންއާއި މާލީ ދާއިރާއާއި އެކައުންޓިންއިން ބެޗެލާސް ހާސިލްކުރައްވައިފައެވެ. މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވެސް ވަނީ، ޕެންޝަން ބޯޑަށް އައްޔަންކޮށްފައެވެ. https://sun.mv/218921 ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން ބޯޑުގައި ގިނަ އިސް ބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ. އެގޮތުން، ޕެންޝަން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރެއްވި މާލީ ތަޖުރިބާކާރު ސަރުވަޝް އާދަމާއި، އެ ބޯޑުގެ ސީއީއޯ ސުޖާތާ ޙަލީމާއި، ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން، ޗެއާޕާސަން ޑރ. އަޙްމަދު އިނާޒް ވަނީ ފެބްރުވަރީ މަހު އިސްތިއުފާދެއްވައިފައެވެ. އެ މަގާމުތަކަށް މީހުން އައްޔަންކުރަން ޕެންޝަން އޮފީހުން އިއުލާނުކުރި ނަމަވެސް، ތަރުހީބު ވަރަށް ފިންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ