އާންމުން ކުރާ ޕޯސްޓްތަކުގެ އެހީގައި ޖަވާބުދޭ އޭއައި މޯޑެއް ފޭސްބުކުގައި ތައާރަފުކޮށްފި

ފޭސްބުކްގައި އާންމުން ކުރާ ޕޯސްޓްތަކުން މައުލޫމާތު ނަގައިގެން ޖަވާބުދޭ އާ އޭއައި މޯޑެއް މެޓާއިން ތައާރަފުކޮށްފިއެވެ. މެޓާ ކުންފުނިން ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ތައާރަފުކުރި މި އޭއައި މޯޑަކީ މައުލޫމާތު ހޯދުމާއި ކޮންޓެންޓް އުފެއްދުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އާ އޭއައި ފީޗާއެއް ކަމަށް ރިޕޯޓްތައްބުނެއެވެ. މިއޭއައި މޯޑުގައި އެންމެ ފާހަގަކޮށްލެވެނީ ފޭސްބުކްގައި ސާޗްކުރުމަށްފަހު މައުލޫމާތު ފޯރުކޮށްދޭ އޭއައި ފީޗާއެވެ. މި ފީޗާގެ އެހީގައި ޕްލެޓްފޯމްގައި ހުންނަ އާންމު ޕޯސްޓްތަކާއި، ގްރޫޕްތަކާއި، އަދި ރީލްސްތަކުން މައުލޫމާތު އެއްކޮށްލުމަށްފަހު، ކޮށްލާ ސުވާލުތަކަށް ސީދާ ޚުލާސާ ޖަވާބެއް ލިބިގެންދާނެއެވެ. https://sun.mv/222376 މި އާ ބަދަލަކީ މިދިޔަ މަހު މެޓާއިން ސިއްރުވެރިގޮތަކަށް ނެރުނު "ފޯރަމް" ކިޔާ އެޕްލިކޭޝަނެއްގެ ފަހަތުން އައި ބަދަލެކެވެ. ރެޑިޓްއާ ވައްތަރު ގޮތަކަށް ފަރުމާކޮށްފައިވާ އެ އެޕްގައި ހިމެނޭ "އާސްކް" ޓެބުން ވެސް ފޭސްބުކް ގްރޫޕްތަކުގައި ދެކެވޭ ވާހަކަތަކުން މައުލޫމާތު ނަގައިގެން ސުވާލުތަކަށް ޖަވާބުދެއެވެ. ނަމަވެސް، މިގޮތަށް އާންމު ޕޯސްޓްތަކާއި ގްރޫޕްތަކުގައި ދެކެވޭ ވާހަކަތަކުން މައުލޫމާތު ނަގައިގެން ޖަވާބުދޭތީ، އޭގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިއީ ރަސްމީ ނުވަތަ ކަށަވަރު ކުރެވިފައިވާ މަސްދަރުތަކުން ނަގާ މައުލޫމާތަށް ނުވާތީ، ބައެއް ފަހަރު ބޭނުންކުރާ ފަރާތްތަކަށް ނުބައި ނުވަތަ ކުށް ހުރި މައުލޫމާތު ލިބުމުގެ ފުރުސަތު އޮވެއެވެ. މީގެ ކުރިން ގޫގުލްގެ އޭއައި މޯޑުން ރެޑިޓްގެ މައުލޫމާތު ބޭނުންކުރިއިރު ވެސް މިފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވެއެވެ. މައުލޫމާތު ހޯދުމުގެ އިތުރުން، ވީޑިއޯ މޮންޓާޖްތަކަށް ބަދަލުތަކެއް ގެނެވޭ ފަދަ އެޑިޓިން ޓޫލްތަކާއި، އޭއައިގެ އެހީގައި ފޮޓޯތަކުގެ ސްޓައިލް ބަދަލުކޮށްލެވޭ ފީޗަރެއް ވެސް މެޓާއިން ވަނީ ތައާރަފުކޮށްފައެވެ. މިގޮތުން، ސްޓޯރީސްތަކުގައި ހުންނަ "އޭއައި އެޑިޓް" ބޭނުންކޮށްގެން ނުވަތަ ޕްރޮފައިލް ފޮޓޯއަށް ބަދަލު ގެނެސްގެން، ތިމާ ގަޔާވާ ކުޅިވަރު ޓީމެއްގެ ޖާޒީ ފަދަ ހެދުންތަކާއި، އިސްތަށިގަނޑުގެ ކުލަ އާއި ސްޓައިލް މުޅިން އާ ގޮތަކަށް ފަރުމާކޮށްލެވޭނެއެވެ. މިއީ ފާއިތުވި މަސްތަކުގައި ފޭސްބުކަށް މެޓާއިން ގެނައި އޭއައިގެ ގިނަ ބަދަލުތަކެއްގެ ތެރެއިން އެންމެ ފަހުގެ ބަދަލެވެ. މީގެ ކުރިން ފެބްރުއަރީ މަހު އެނިމޭޓަޑް ޕްރޮފައިލް ފޮޓޯ ތައާރަފުކޮށްފައިވާއިރު، މާޗް މަހު ވަނީ ފޭސްބުކް މާކެޓްޕްލޭސްގެ ސެލްއަރުންނަށް ކަސްޓަމަރުންގެ މެސެޖުތަކަށް އޮޓޮމެޓިކުން ޖަވާބުދޭ އޭއައި ފީޗަރެއް ނެރެފައެވެ. އަދި މި މަހުގެ ކުރީކޮޅު ވަނީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޕޯސްޓްކުރަން އެންމެ ރަނގަޅު ވަގުތުތަކާއި ކޮމެންޓްތަކުގެ ޚުލާސާ ބުނެދޭ އޭއައި އެސިސްޓެންޓެއް ވެސް ލޯންޗުކޮށްފައެވެ. މި ހުރިހާ ފީޗަރުތަކެއްގެ ބޭނުމަކީ ފޭސްބުކް ބޭނުންކުރާ މީހުން އެޕްލިކޭޝަންގައި ހޭދަކުރާ ވަގުތު އިތުރުކުރުމާއި، ކުންފުންޏަށް އާމްދަނީ ލިބޭނެ އާ ގޮތްތަކެއް ހޯދުމެވެ. މެޓާއިން ދާދިފަހުން ވަނީ މަހަކު 3.99 ޑޮލަރުން ފެށޭ ގްލޯބަލް ސަބްސްކްރިޕްޝަން ޕްލޭންތަކެއް ތައާރަފުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އޭއައި ފީޗަރުތައް ލިބޭނީ މިފަދަ ފައިސާ ދައްކައިގެން ބޭނުންކުރާ ޕްލޭންތަކުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ