ﷲއާއި ރަސޫލާ ގެނެސްދެއްވި މަގަށް ހިޖުރަކުރެވޭނީ އިސްލާމްދީނާ ޚިލާފު ކަންކަމުން ދުރުވެގެން: ޚުތުބާ
މާތްﷲ އާއި ކީރިތި ރަސޫލާ ގެނެސްދެއްވި މަގަށް ހިޖުރަ ކުރެވޭނީ އިސްލާމްދީނާ ޚިލާފު ކަންކަމުން ދުރުވެ، ދީނުގެ ތަރަހައިގެ ތެރޭގައި ކަންކަން ކޮށްގެންކަން މިއަދުގެ ހުކުރު ޚުތާބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު އިއްވި ޚުތުބާގައި އަލިއަޅުވާލީ ހިޖުރައިގެ އިބުރަތްތަކުގެ މައްޗަށެވެ. އެގޮތުން، ޚުތުބާގައި ބުނީ ހިޖުރީ އާ އަހަރެއް ފެށިގެން އަންނައިރު ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށްގެން ވިސްނަން ޖެހޭ ކަމަށެވެ. އެ ހިޖުރައިގައި ތަފާތު އިބުރަތްތަކާއި ދަރުސްތަކެއްވާކަން ޚުތުބާގައި ފާހަގަކުރިއެވެ. ޚުތުބާގައި ވަނީ، ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމްދީނުގެ ދިފާޢުގައި ގުރުބާންވާންކަން ފާހަގަކޮށްފައެވެ. މީހަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ދަތުރުފުޅަށް މައްކާއަށް ނިކުމެވަޑައިގަތުމުގެ ކުރިން ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބިމެވެ. އަދި ހަމަ އެހެންމެ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ރަށް ވެސް މެއެވެ. ތިޔަ ރަށުން ތިމަންކަލޭގެފާނު ނެރެނުލެވުނު ނަމަ ތިޔަރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ." އޭގެ އިތުރަށް، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ރަސޫލާއާއި ސަޙާބީންގެ ހިޖުރައިގެ ދަތުރުފުޅުތައް މިއަދުގެ ޚުތުބާގައި ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. އެ ދަތުރުފުޅުތަކަށް އަލިއަޅުވާލައި ޚުތުބާގައި ވަނީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ދެމިތިބޭނޭ ކަން ފާހަގަކޮށްފައެވެ. އަދި، އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަކީ މާތް اللهއާއި އެކަލާނގެ ރަސޫލާ ގެނެސްދެއްވި މަގަށް ހިޖުރަކުރުންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ