ޤާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީން ނުކުތުމަކީ ލަދުވެތިކަމެއް: މެމްބަރު ތާރިޤް

ޤާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީން ނުކުތުމަކީ ލަދުވެތިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް ވިދާޅުވެއްޖެއެވެ.
މެމްބަރު އެހެން ވިދާޅުވީ، އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އދ މަހިބަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ، ޤާނޫނުއަސާސީ ބަދަލު ކުރުމުގައި އެމްޑީޕީން އުސޫލާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށާއިި، މިސާލަކަށް ލޯކަލް ކައުންސިލުތަކުގެ ދައުރު ހަމަވުމުން އެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީ ބަދަލުކުރީ ކޮވިޑު ތެރޭގައި ކުއްލި ނުރައްކަލުގެ ޙާލަތުގައި ކަމަށެވެ.
އެހެންކަމުން ޤާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީން ނުކުތުމަކީ ލަދުވެތިކަމެއް
މެމްބަރު ތޯރިޤް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބި، ވެރިކަން ނިމުމުން ދެން އަމަލުކުރާ ގޮޮތް މުޅިން ތަފާތު ކަމަށެވެ.
އޭގެ އިތުުރުން، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި، ޖެނުއަރީ މަސް ތެރޭގައި އިދިކޮޅުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ސަރުކާރުން ފެއިލްކޮށްލާފައިވާ ކަމަށެވެ.
ހަމައެއާއެކު، ރައީސް ޑރ މުއިއްޒު ނިންމަވަމުންދާ ނިންމެވުންތަކަކީ ޒަމާންތަކެއް ވަންދެން ދިވެހިންނަށް އޭގެ ލާބަޔާއި މަންފާ ލިބޭނެ ނިންމެވުންތަކެއްކަމަށްވެސް ތޯރިޤް ވިދާޅުވިއެވެ.
އޭގެ އިތުރުން، ވެރިކަމުގެ ފުރަތަމަ އަހަރަކީ ސަރުކާރުތަކުގައި ތަރައްޤީގެ މާ ބޮޑު މަސައްކަތްތަކެއް ކުރިއަށްދާ އަހަރެއް ނޫންކަމަށާއި، އެކަމުގެ ފަހަތުގައި ސަބަބުތަކެއްވެސް ހުންނަކަމަށް މެމްބަރު ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން ދަރަނީގެ ޙާލަތަށް މެމްބަރު އަލިއަޅުވާލެއްވިިއެވެ.
އެހެންނަމަވެސް ކުރިއަށް އޮތީ އުއްމީދީ އަހަރަކަށްވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، ރައްޔިތުން ގާތަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މެނިފެސްޓޯއަކާއެކު ވަޑައިގެންނެވި ކަމަށާއި، ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭގޮތުންވެސް ރައީސް ވިސްނަވާފައިވާ ކަމަށެވެ. އެގޮތުން އާބަން ސެންޓަރުތައް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ މެމްބަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށެވެ.
މި ފެށޭ އަހަރަކީ އެކި ސަރަޙައްދުތަކުގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަކަށްވެގެންދާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ