ބޮލީވުޑްގެ ކުރިއަށް އޮތް ރޮމޭންޓިކް ފިލްމު "ކޮކްޓެއިލް 2" ޕްރޮމޯޓްކުރުމަށް އިންޑިއާގެ ޕޫނޭގެ މަޝްހޫރު މޯލެއްގައި އިއްޔެ ބޭއްވި ހަފުލާއަށް އެއްވެ ތިިބި މީހުން ކޮންޓްރޯލް ނުވެ އެތަނުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސަލާމަތީ ކަންކަން މުޅިން ގަޑުބަޑުވެ، ހާލަތު ގޯސްވުމުގެ ސަބަބުން އެ ފިލްމުގެ ތަރިން ވަރަށް ކުއްލި ގޮތަކަށް އެތަނުން ވަނީ ނެރެފަ އެވެ.
އެ ފިލްމުގެ ލީޑު ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ކްރިޓީ ސެނޯން އަދި ރަޝްމިކާ މަންދަންނާ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާ ބިރުވެރި މާހައުލަކަށް ބަދަލުވީ، އެއްވެފައި ތިބި އެތައް ހާސް ބަޔަކު ކޮންޓްރޯލް ނުވެ، އެތަނުގައި ޖަހާފައި ހުރި ވަރުގަދަ ދަގަނޑު ބެރިކޭޑްތައް ހަލާކުކޮށްލައި، ސްޓޭޖާ ދިމާއަށް ގަދަކަމުން ވަދެގަތުމާ އެކުގަ އެވެ.
އެ އިވެންޓު ފެށުމާ އެކު، މޯލްގެ ކެޕޭސިޓީއަށް ވުރެ އިތުރަށް އެތަނަށް މީހުން ވަދެ، ފިތިބާރުވި އެވެ. ތަރިން ސްޓޭޖަށް އެރުމާ އެކު ސަޕޯޓަރުންގެ ފޯރި ގަދަވެ، ފަހަތުން މީހުން ކޮއްޕަން ފެށުމުގެ ސަބަބުން ކުރީގައި ތިބި މީހުންނަށް ނުކަތައި ބެރިކޭޑްތައް ބިންމައްޗަށް ވެރުނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޝާހިދު ހުރީ އެތަނުގެ ހާލަތު މެނޭޖު ނުކުރެވިގެން ވަރަށް ބޮޑަށް ރުޅިއައިސް، ހާސްވެފަ އެވެ. އެ ހާދިސާގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ކްރިތީގެ ހިތްވަރެވެ. ކޮންޓްރޯލުން ނެއްޓި މީހުން އަންނަން ފެށުމުން، ކްރިތީ ވަގުތުން ރަޝްމިކާއަށް ހިމާޔަތް ދެ އެވެ. އެންމެފަހުން ބޮޑީގާޑުންގެ އެހީގައި ތަރިން އެތަނުން ނުކުމެ އެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ރަޝްމިކާ ހިމާޔަތްކުރުމަށް ކްރިތީ ދެއްކި "ދައްތައެއް ފަދަ" ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ނަމަވެސް، މޯލްގެ މެނޭޖުމަންޓަށާއި އިވެންޓް އިންތިޒާމު ކުރި ފަރާތްތަކަށް އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
ގިނަ ބަޔަކު ބުނެފައި ވަނީ މިއީ "ޕީއާރު އަދި މެނޭޖުމަންޓްގެ ބޮޑު ފެއިލިއާއެއް" ކަމަށެވެ. ބޮލީވުޑްގެ އެންމެ މަގުބޫލު ތަރިން މިގޮތަށް ހުޅުވާލެވިފައިވާ މޯލްއަކަށް ގެންދާއިރު ލިމިޓެއް ނެތި މީހުން ވެއްދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް މީހުން ބުންޏެވެ.
ހޯމީ އަދާޖާނިއާ ޑައިރެކްޓްކޮށްފައިވާ "ކޮކްޓެއިލް 2" ރިލީޒްކުރަނީ އަންނަ ހުކުރު ދުވަހު އެވެ.
ޝާހިދާއި ކްރިތީ އަދި ރަޝްމިކާ ބައިވެރިވި އިވެންޓުގައި ބޮޑު ހަމަނުޖެހުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ