ހައިޑްރޭޝަން ބްރޭކު އިސްތިހާރަށް ބޭނުންކުރާތީވެ ކްލޮޕް ފާޑުކިޔައިފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - ފީފާ ވޯލްޑް ކަޕްގައި މި ފަަހަރު މެޗުތައް ހޫނުގަދަ މޫސުމެއްގައި ކުޅެން ޖެހޭތީވެ، ކޮންމެ މެޗެއްގެ ކޮންމެ ހާފެއްގައި ހައިޑްރޭޝަން ބްރޭކް (ކޫލިން ބްރޭކް) އެއް ނަގާ ގޮތުން މަޝްހޫރު ކޯޗު، ޔާގަން ކްލޮޕް ފާޑުކިޔައިފި އެވެ. 
ޖަރުމަނު މީޑިއާއެއްގެ ވޯލްޑް ކަޕް ކަޕް ކަވަރޭޖުގައި ބައިވެރިވެ، އެމެރިކާގައި ހަރަކާތްތެރިވަމުން އަންނަ ކްލޮޕް ބުނީ، ކުޅުންތެރިންގެ ހައްގުގައި ގެނައި ކަމެއް މިހާރު ބޮޑަށް ބޭނުންކުރަނީ މާލީ މަންފާއެއް ހޯދުމަށް ކަމަށްވާތީވެ، މި ކަމުގެ މަގުސަދު އޮޅިފައިވާ ކަމަށެވެ. އަދި، ފުޓްބޯޅައިގެ އަސްލު ގުޅިފައިވާ މުހިންމު ނިންމުންތައް، އޭސީ ހަރުކޮށްފައިވާ ފިނިކޮޓަރިތަކުގައި ތިބޭ މީހުން އަމިއްލަ މަންފާ އަށް ވިސްނައިގެން ނަގާތަން ފެނުމަކީ ފުޓްބޯޅައިގެ ކަންކަމަށް އަހައްމިއްޔަތުކަން ދޭ މީހުންނަށް ލިބޭ ދެރައެއް ކަމަށް ކްލޮޕް ބުނެފައިވެ އެވެ. 
"ހައިޑްރޭޝަން ބްރޭކު ގެނައީ ކުޅުންތެރިންގެ ރައްކާތެރިކަމަށް. އެއީ ސްޕޮންސަރުންނަށްޓަކައި ދެވޭ ހަދިޔާއެއް ނޫން. ފުޓްބޯޅަ ޖެހޭނީ މެއިން އިވެންޓަށް ވާން. އެކަމަކު، މިހާރު ކަންކަން މި ދަނީ ރިސްކެއްގެ ތެރެއަށް ހުށަހެޅިފައި އޮންނަ ގޮތަށް. އެއީ، ފުޓްބޯޅަ މި އަންނަނީ އިސްތިހާރުތަކެއްގެ ތެރެއިން އަންނަ ބެކްގްރައުންޑް މިއުޒިކަކަށް،" ރެޑްބުލްގެ ގްލޯބަލް ފުޓްބޯލް ހެޑްގެ މަގާމު އަދާކުރަމުން އަންނަ ކްލޮޕް ބުންޏެވެ. 
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕާ ގުޅުން ހުރި ގިނަ ކަންތައްތަކަކަށް ފުޓްބޯޅައިގެ އެކި ފަރާތްތަކުގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެ ގޮތުން، މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގެ ޓިކެޓްގެ އަގު އިންތިހާ އަށް މަތިވެފައިވާއިރު، މިހާތަނަށް ކުޅެފައިވާ ގިނަ މެޗުތައް ކުރިއަށްދިޔައިރު، ނިސްބަތުން ގިނައިން ހުސް ގޮނޑިތައް ފެންނަން ހުރުމުން އެ ކަަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މީގެ އިތުރުން، މުބާރާތް ކުރިއަށްދާ އެމެރިކާ އާއި ކެނަޑާގައި ކުޅޭ މެޗުތަކަށް ދިއުމަށް ބައެއް ގައުމުތަކުގެ ސަޕޯޓަރުންނަށް ވިސާ ނުލިބިގެން މެޗަށް ނުދެވޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ