އީރާން ހަނގުރާމައަކީ ކޮވިޑަށް ފަހު ދުނިޔޭގެ އިގްތިސާދަށް އެރި އެންމެ ބޮޑު ލޮޅުން: ވޯލްޑް ބޭންކް

އެމެރިކާއާ އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ހާލަތުގެ ސަބަބުން، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގެ އިގްތިސާދަށް އަންނާނެ އެންމެ ބޮޑު ލޮޅުން ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން އިއްޔެ ދީފި އެވެ.
ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، މި ހިނގާ 2026 ވަނަ އަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި %2.9 މިހާރު ވަނީ %2.5 އަށް ދަށްކޮށްފައެވެ. މި ބަދަލު އަންނަން މެދުވެރިވީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ވިޔަފާރި މަގުތަކަށާއި ހަކަތައިގެ ބާޒާރަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ ހުރެ ކަމަށް ވޯލްޑް ބޭންކުން ހާމަކުރެއެވެ.
މި ހާލަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އެވްރެޖްކޮށް 94 ޑޮލަރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %36ގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ގަސްކާނާގެ އަގުތައް ވެސް މަތިވަމުންދާތީ، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އޮތް ބާރު ބޮޑުވެ، މިއަހަރުގެ އިންފްލޭޝަން ރޭޓް %4 އަށް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.
ވޯލްޑް ބޭންކުން އިތުރަށް އިންޒާރު ދޭ ގޮތުގައި، މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް މިހާރަށް ވުރެ އިތުރަށް ގޯސްވެއްޖެ ނަމަ، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން %1.3 އަށް ވެއްޓި، އިންފްލޭޝަން %4.4 އަށް އުފުލުމުގެ ފުރުސަތު އެބައޮތެވެ. މިފަދަ ހާލަތެއްގައި އެންމެ ބޮޑު ނިކަމެތިކަމެއް ލިބޭނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދުނިޔޭގެ ތިންބައިކުޅަ ދެބައި ގައުމުގެ އިގްތިސާދު ދަށަށް ދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މި ދަތި ހާލަތުން އަރައިގަތުމަށް ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން މިހާރު ވެސް 60 ބިލިއަން ޑޮލަރުގެ ފަންޑެއް ވަނީ ކަނޑައަޅާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ހަނގުރާމަ ދިގުލައިގެންދާ ނަމަ، އެ އެހީގެ މިންވަރު 100 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކުރުމުގެ ގާބިލުކަން ހުރި ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ހާލަތު އެންމެ ގޯސްވެގެންދިޔައީ، ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން އެއްކޮށް ބަންދުކުރުމާ ގުޅިގެންނެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ކުއްލިއަކަށް ތެލުގެ އަގުތައް އުފުލި، މުދާ އުފުލާ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މީގެ އިތުރުން ކަނޑުގެ އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
މި މައްސަލައިގެ ތެރެއަށް އެމެރިކާ ވަދެ، އީރާނާ ދެމެދު އޮތް މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ހަފުތާ ބަންދުގައި އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ވެރިންގެ ސިޔާސަތުތައް ހުރި ގޮތުން، މި ސަރަހައްދުގެ ހަމަޖެހުމަށް އަދިވެސް އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނާ ގޮތުގައި މުޅި ދުނިޔޭގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައެވެ.
މި ފަދަ ބޮޑު އިގްތިސާދީ ލޮޅުމެއް ދުނިޔެއަށް އެންމެ ފަހުން ކުރިމަތިވީ 2020 ވަނަ އަހަރު ފެތުރުނު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އެ ފަހަރު ދުނިޔޭގެ ވިޔަފާރިތައް މެދުކެނޑި، ގައުމުތަކުގެ އުފެއްދުންތެރިކަން ދަށަށް ގޮސް، ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވިއެވެ.
ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި މިހާރު ހިނގަމުންދާ އީރާން ހަނގުރާމައިގެ ސަބަބުން، ކޮވިޑްގެ ކާރިސާއަށް ފަހު ދުނިޔޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ވަނީ ބޮޑު ހުއްޓުމެއް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ