ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާ އަތުން ބަލިވުމާއެކު ތުރުކީން 24 އަހަރަށްފަހު އެނބުރިއައުން ހާސްކަމަކަށް
ސައުވީސް އަަހަރުގެ ދިގު އިންތިޒާރަކަށް ފަހު ފީފާ ވޯލްޑް ކަޕަށް ތުރުކީ އެނބުރި އައި މެޗުގައި، އޮސްޓްރޭލިއާ އަތުން 2-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވެއްޖެއެވެ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ގުޅިގެން މި ފަހަރު ކުރިއަށްދާ މުބާރާތަކީ، 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ތުރުކީ މި ސަރަހައްދުން ފެންނަ ފުރަތަމަ ފަހަރެވެ. ތާރީހީ ގޮތުން ބަލާއިރު 2002 ވަނަ އަހަރު ތުރުކީން ވަނީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް، ދުނިޔޭގެ ތިންވަނަ ޓީމުގެ މަގާމު ހޯދައި ބޮޑު ސުރުޚީތަކެއް ހޯދާފައެވެ. ނަމަވެސް، އެ ފަޚުރުވެރި މާޒީއާ އެކު ނުކުތް ތުރުކީއަށް މި ފަހަރުގެ ފެށުން މި ވަނީ ހައިރާންކުރަނިވި ގޮތަކަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. ތުރުކީ ކޮޅަށް ލަނޑު ޖެހުމަށްފަހު އޮސްޓްރޭލިއާ އިން އުފާފާޅުކުރަނީ-- ކެނަޑާގެ ވެންކޫވާގައި ހުންނަ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި އޮސްޓްރޭލިއާ އިން ފުރަތަމަ ލީޑުނެގީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ކްލަބް ވަޓްފޯޑަށް ކުޅެމުންދާ ހުނަރުވެރި ފޯވާޑް ނެސްޓޯރީ އިރަންކުންޑާ އެވެ. އޭނާ މި ގޯލު ޖެހީ ތުރުކީގެ އެޓޭކެއް ނާކާމިޔާބުވުމުން އުފެއްދި ހަލުވި ކައުންޓަ އެޓޭކެއްގައި، އޭރިއާ ތެރެއަށް ރަނގަޅު ވަގުތެއްގައި ހުސްވެ ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އިންޓަ މިލާނުގެ ތަރި ހަކަން ޗަލްހަނޮގްލޫއާއި ރެއާލް މެޑްރިޑްގެ ޒުވާން ހުނަރުވެރިޔާ އާޑާ ގުލާ ފަދަ ޔޫރަޕްގެ މަތީ ފަންތީގައި ވިދަމުންދާ ކުޅުންތެރިންނާ އެކު ނުކުތް ތުރުކީން މެޗުގެ ކޮންޓްރޯލް ހޯދައި، ލަނޑެއް ޖެހުމަށް ގިނަ އެޓޭކްތަކެއް ކުރިއެވެ. ނަމަވެސް، ތުރުކީގެ ފޯވާޑުންނަށް ހުރަހަކަށްވީ އޮސްޓްރޭލިއާގެ ގޯލު ބެލެހެއްޓި ކީޕަރު ޕެޓްރިކް ބީޗް އެވެ. އޭނާވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައި، ތުރުކީން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. ތުރުކީން ނަތީޖާ ހަމަހަމަކުރަން މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް، މެޗުގެ 75 ވަނަ މިނިޓްގައި އޮސްޓްރޭލިއާ އިން ވަނީ ދެވަނަ ލަނޑެއް ޖަހައި ތުރުކީއަށް ލިބުނު ހާސްކަން ބޮޑުކޮށްފަ އެވެ. އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބާރު ޝޮޓަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކޯނާ މެޓްކާލްފް އެވެ. މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ތުރުކީން ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ނެރެގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތްތައް ނިމިގެންދިޔައީ ބޭކާރުވެގެންނެވެ. އެއީ އޮސްޓްރޭލިއާ އިން ފަހަތަށް ފޭބުމެއް ނެތް ވަރުގަދަ، ބަދަހި ޑިފެންސްލައިނެއް އަތުރާލައިގެން މެޗު ނިންމާލުމުންނެވެ. މި ނަތީޖާއާއެކު ގްރޫޕް ޑީގެ ފުރަތަމަ މެޗުތައް ނިމުނުއިރު، އެމެރިކާ އާއި އޮސްޓްރޭލިއާއިން ވަނީ ފުރަތަމަ މެޗުން މޮޅުވެ، ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ