ގޯރަވް ގާތުން ވަރިވާން ނިންމި ސަބަބު އަކަންކްޝާ ކިޔައިދީފި
މީގެ ތިން ދުވަސްކުރިން ކައިވެނި ނިމުމަކަށް ގެންނަން ނިންމިކަން ރަސްމީކޮށް އިއުލާނުކުރި ޓެލެވިޒަން ތަރިން ކަމަށްވާ ގޯރަވް ކަންނާ އާއި އަކަންކްޝާ ވަކިވާން ނިންމި ހަގީގީ ސަބަބު ބަތަލާ ކިޔައިދީފިއެވެ. ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާ ރިއަލިޓީ ޝޯ "ލޮކް އަޕް 2"ގެ ބައިވެރިންގެތެރޭ ހިމެނޭ އަކަންކްޝާ ވަނީ އެ ޝޯގެ އެޕިސޯޑެއްގައި އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ބައިވެރިންނާ ހިއްސާކޮށްފައެވެ. އަކަންކްޝާގެ އިހުސާސްތައް ހިއްސާކުރަމުން، ގޯރަވް ކަންނާ އާ ވަރިވާން ނިންމި ހަގީގީ ސަބަބަކީ، ކުއްޖަކު ހޯދުމަށް އޭނާ ބޭނުންނުވާތީ ކަމަށް ވަނީ ބުނެފައެވެ. "އަހަރެން އެކަމާ މެދު ވިސްނަން ތައްޔާރަށް ހުރިން، އަދި އެ ދޮރެއް ދުވަހަކުވެސް ބަންދެއް ނުކުރަން. އެކަމަކު ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އަހަންނަށް އިހުސާސް ކުރެވުނީ އަހަންނަކީ މަޔަކަށްވުމަށް ތައްޔާރު މީހެއް ނޫންކަން. ގޯރަވް ކުރިން އެކަމާ އެއްބަސްވި. އެކަމަކު އަހަރެން ހީކުރާ ގޮތުގައި ވަގުތާއެކު އޭނާގެ ވިސްނުން ބަދަލުވީ،" އަކަންކްޝާ ބުންޏެވެ. ކަލަސް ޓީވީއިން ގެނެސްދިން މަޝްހޫރު ޑްރާމާ ސީރީސް "ސްވަރާގިނީ"އިން މަގުބޫލުވި ބަތަލާ އިތުރަށް ބުނި ގޮތުގައި، މިހާރު ގޯރަވް ބޭނުންވަނީ ކުއްޖަކު ހޯދާށެވެ. ނަމަވެސް އެ އުފާވެރިކަން ގޯރަވް އަށް ދެވެން ނެތް ކަމަށާއި، ކުދިން ހޯދުމުގެ ޝައުގުވެރިކަން އަކަންކްޝާގެ ނެތްކަން މާ ކުރިންވެސް ގޯރަވްއަށް އަންގާފައިވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ގޯރަވް އަދި އަކަންކްޝާ "ބިގް ބޮސް 19"އިގެ ޓްރޮފީއާ އެކު--ފޮޓޯ/އިންސްޓަގްރާމް "އަހަރެމެން އެކަމާ މަޝްވަރާ ކުރިން. އަހަރެން ބުނިން އޭނާ އަހަރެން ދޫކޮށްލަން ބޭނުންވާ ނަމަ، އެއީ އޭނާގެ ހައްގެކޭ، އެކަމާ އަހަރެން މައްސަލައެއް ނުޖައްސާނަމޭ" އަކަންކްޝާ ބުންޏެވެ. "ލޮކް އަޕް 2"ގެ ތިންވަނަ އެޕިސޯޑުގައި އަކަންކްޝާ ހިއްސާކުރި ގޮތުގައި، ގޯރަވްއާ ދެ މީހުން ވަކިވާން ނިންމައި ދެ މީހުންވެސް ވަކިން އުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެދާނެއެވެ. މިހާތަނަށް އެކަން ސިއްރުކޮށްފައި އޮތް ނަމަވެސް ނެޓްފްލިކްސްގެ މި ޝޯގައި އެ ވާހަކަ ރަސްމީކޮށް އިއުލާނުކުރުމުން އެއީ މިހާރު އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރަކަށް ވެއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ގޯރަވް އާއި ދެ މީހުން ވަކިވާން ނިންމި ނަމަވެސް އެ ދެމީހުންގެ ދެމެދުގައި އެއްވެސް ކަހަލަ ގޯސް ގުޅުމެއް ނެތް ކަމަށާއި ބައިވެރިންގެ ގޮތުގައި އުޅެވެންނެތީ ދެމީހުންގެ މުސްތަގުބަލާ މެދު ދެކޭގޮތް ތަފާތުވި ހިސާބުން ކަމަށް އަކަންކްޝާ ވަނީ ބުނެފައެވެ. އަކަންކްޝާ އިތުރަށް ބުނީ ކުއްޖަކު އެޑޮޕްޓް ކުރަން ވެސް ބޭނުން ނުވާ ކަމަށާއި، މުޅި އުމުރުގައިވެސް ކުއްޖަކު ހޯދަން ބޭނުން ނުވާ ކަމަށެވެ. މިކަމަ ގުޅޭގޮތުން މިހާތަނަށް ގޯރަވް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ އަހަރު ކަލަސްއިން ގެނެސްދިން ބިގް ބޮސް ޝޯގެ 19 ވަނަ ސީޒަން ކާމިޔާބުކުރި އެކްޓަރު އެޝޯގެ ފިނާލޭ ހަފުތާގެ ފުރަތަމަ ދުވަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ، އޭނާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ، އަދި ބައްޕައަކަށް ވާން ވަރަށް ބޮޑަށް އުންމީދުކުރި މީހެއް ކަމަށެވެ. ނަމަވެސް އަމިއްލަ އެދުމަށްވުރެ ބޮޑަށް އަނބިމީހާ ދެކެ ލޯބިވާ ފިރިހެނުން މަދުވާނެ ކަމަށާއި، އަނބިމީހާގެ ނިންމުމަށް އޭނާ އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށް ބުނެ އަނބިމީހާގެ ދިފާއުގައި ގޯރަވް ވަނީ ވާހަކަ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ