އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގައި ވޯލްޑްކަޕް ސްޓްރީމްކުރާ ދިވެހިންގެ ދެވެބްސައިޓެއް ވެސް ބްލޮކްކޮށްފި

ފީފާ ވޯލްޑް ކަޕް ޣައިރުޤާނޫނީކޮށް ސްޓްރީމްކުރުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެމެރިކާއިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ބްލޮކްކުރި 400 އެއްހާ އިންޓަނެޓް ޑޮމެއިންތަކުގެ ތެރޭގައި، ދިވެހިން ހިންގާ މަދުވެގެން ދެ ވެބްސައިޓެއް ބްލޮކް ކޮށްފިއެވެ.
ވޯލްޑް ކަޕްގެ މެޗުތައް ވަގަށް ސްޓްރީމްކުރަން ބޭނުންކުރި 400 އެއްހާ ޑޮމެއިން ހިފެހެއްޓި "އޮޕަރޭޝަން އޮފްސައިޑްސް" ގެ ނަމުގައި ހިންގި ބައިނަލްއަޤުވާމީ އޮޕަރޭޝަންގެ ބައެއް މައުލޫމާތު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި އޮޕަރޭޝަނުގެ މަޤްޞަދަކީ ކޮޕީރައިޓް ހުއްދައާ ނުލައި މެޗުތައް ދައްކައިގެން ނާޖާއިޒު ފައިދާ ހޯދާ ކުށްވެރިންގެ ނެޓްވޯކްތައް ރޫޅާލުމެވެ.
ރާއްޖޭގެ އެކްސް އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހިފެހެއްޓި ޑޮމެއިންތަކުގެ ތެރެއިން މަދުވެގެން ދެ ޑޮމެއިންއަކީ ދިވެހިން ހިންގާ ތަންތަން ކަމަށެވެ. އަދި އެ ދެ ވެބްސައިޓަކީ ވެސް އިކޮނަމިކް މިނިސްޓްރީގައި އަމިއްލަ ފަރުދުންގެ ވިޔަފާރި (އެސް.ޕީ) އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ކަމަށާއި، މީގެ ސަބަބުން އެއީ ޞައްޙަ ވިޔަފާރިތަކެއް ކަމުގެ ނުބައި ތަޞައްވުރެއް ބޭނުންކުރާ ފަރާތްތަކަށް ލިބިފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ނަމަވެސް، އެކްސް ޕޯސްޓުގައި އެއީ ކޮން ޑޮމެއިންތަކެއް ކަމެއް، ނުވަތަ އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ވެސް ދައްކާފައެއް ނުވެއެވެ. މި ޚަބަރު ޝާއިޢުކުރި ވަގުތާ ހަމައަށް، މި ތުހުމަތުގެ ޞައްޙަކަން މިނިވަންކަމާއެކު ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ޑީ.އޯ.ޖޭ އިން ނެރުނު ބަޔާންތަކާއި ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ދިރާސާކުރިއިރު، ހިފެހެއްޓި އެއްވެސް ޑޮމެއިންއަކީ ދިވެހިންނާ ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާ ގުޅުންހުރި ތަންތަން ކަމަށް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޑީ.އޯ.ޖޭ އިން ވެބްސައިޓްތައް ނިސްބަތްވާ ޤައުމުތަކުގެ ތަފްޞީލެއް ނުވަތަ އެ ތަންތަން ހިންގި ފަރާތްތަކުގެ އައިޑެންޓިޓީއެއް ހާމައެއް ނުކުރެއެވެ.
ޑީ.އޯ.ޖޭ އިން ބުނި ގޮތުގައި "އޮޕަރޭޝަން އޮފްސައިޑްސް" ކުރިއަށް ގެންދިޔައީ ނޭޝަނަލް އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ކޯޑިނޭޝަން ސެންޓަރާއި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ގުޅިގެންނެވެ. މި މަސައްކަތުގައި ފީފާގެ އިތުރުން އެން.ބީ.ސީ ޔުނިވާސަލް، ވޯނާ ބްރޯސް، ބީއިން މީޑިއާ ގްރޫޕް އަދި އެލަޔަންސް ފޯ ކްރިއޭޓިވިޓީ އެންޑް އެންޓަޓެއިންމަންޓް ފަދަ މީޑިއާ ކުންފުނިތަކުގެ އެހީތެރިކަން ލިބިފައިވެއެވެ. ތަޙުޤީޤު ކުރާ ފަރާތްތަކުން ވަނީ ސްޓްރީމް ކުރުމަށް ބޭނުންކުރި މައިގަނޑު އިންފްރާސްޓްރަކްޗާ ޕެރޫ އަދި ބަލްގޭރިއާގެ ސާވަރުތަކުން ހޯދާފައެވެ. މީގެ އިތުރުން ކްރޮއޭޝިއާ، ރޫމޭނިއާ، ޕޮލެންޑް އަދި ކޮލަމްބިއާގައި ވެސް ޤާނޫނީ ފިޔަވަޅުތައް އަޅާފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން އިންޒާރު ދެއްވާފައިވާ ގޮތުގައި، ޣައިރުޤާނޫނީ ސްޓްރީމިންގ ވެބްސައިޓްތަކުގެ ސަބަބުން ކޮޕީރައިޓް އުޞޫލުތަކާ ޚިލާފުވުމުގެ އިތުރުން އެހެނިހެން ނުރައްކާތައް ވެސް ކުރިމަތިވެއެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބުނީ މިފަދަ ގިނަ ސައިޓްތަކުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކުގެ ފޯނު ނުވަތަ ކޮމްޕިއުޓަރަށް މެލްވެއާ އަދި ފިޝިންގް އެޓޭކްތައް ކުރިމަތިވެ، އަމިއްލަ އަދި މާލީ މަޢުލޫމާތު ވަގަށް ނެގުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ޣައިރުޤާނޫނީ ސްޓްރީމިންގ ޚިދުމަތް ދޭ ފަރާތްތަކާއި އެފަދަ ޖިނާއީ ކަންކަމުގައި ބައިވެރިވާ އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ