އާރަށުގެ މައްސަަލަ: ދައުލަތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބަދަލެއް ނުކުރި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލި ވ. އާރަށުގެ މައްސަލައިގައި އާ ހެކިތައް ބަލައިނުގަނެ އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބަދަލުނުުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން އުފުލި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ހުކުމް ބާތިލުކުރަން ހައިކޯޓުން ނިންމީ، އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔަ އިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތީ ރަނގަޅަށް ނޫން ކަމަށް ނިންމުމަށްފަހުއެވެ. އަދި އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވަން ހައިކޯޓުން އޮތީ ނިންމައިފައެވެ.
އާ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ހުކުމްކުރީ މިއަދުއެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައިވަނީ ހައިކޯޓުގެ ނިންމުން ބަދަލުނުކުރުމަށެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ބުނެފައިވަނީ، އާރަށު މައްސަލައިގައި ފަހުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އަލީ ޒުބައިރު ވ. ޕީޖީ ގަޒިއްޔާގައި ނިންމާފައިވާ ނިންމުމާ ހިލާފަށް ކަމަށެވެ. ނަމަވެސް، ހައިކޯޓުގައި އެ ނުކުތާ ހުށަނާޅައި ސުޕްރީމް ކޯޓުގައި އެކަމުގެ ބަހުސް ނުކުރެވޭނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވެސް ފާހަގަކުރީ، އަލީ ޒުބައިރު މައްސަލައާ ހަވާލާދީ، އާ ހެކިތަކުގެ މައްސަލައިގައި އިޖުރާއީ އައިބުތައް ހައްލު ކުރެވިދާނެ ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައިނުވާ ކަމަށެވެ. އަދި އަލީ ޒުބައިރު މައްސަލައަށް އެއްވެސް ވަރަކަށް ހަވާލާދީފައިވާކަމަށް ފެންނާކަށް ނެތް ކަމަށް ވެއެވެ.
ދައުލަތުން ހައިކޯޓުގައި ހުށަހަޅާފައިނުވާ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެއަށް ގޮތެއް ނިންމަން ޖެހޭތޯ ކަނޑައެޅުމުގައި ބަލަން ޖެހޭ ގާނޫނީ މިންގަނޑުތައް ހުކުމުގައި ވަރަށް ތަފްސީލީ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ހައިކޯޓުން ގޮތް ނިންމުމުގައި ރިއާއަތްކޮށްފައިނުވާ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން މައްސަލަ ބަލައި ގޮތެއް ނިންމަންޖެހޭ ހާލަތެއް ބުނެދެވިފައި ނެތްކަމަށް ހުކުމުގައިވެއެވެ. އިސްތިސްނާއެއްގެ ގޮތުން، ކުރިން ހުށަހަޅާފައިނުވާ އާ ނުކުތާއެއް ބަލައިގަންނަން ޖެހެނީ އަދުލު އިންސާފު ގާއިމްކުރުމަށް ޓަކައި ކޮންމެހެން ރިއާއަތްކުރަން ޖެހޭ ކޮން ހާލަތެއްގެ މައްޗަށް ކަމެއް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެދީފައިނުވާކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، 11 އަޑުއެހުން ހައިކޯޓުގައި ބޭއްވުނު އިރު، އަލީ ޒުބެއިރު މައްސަލައިގެ ވާހަކަ ދެއްކުމުގެ ފުރުސަތާއި ހައިސިއްޔަތު ދައުލަތަށް އޮތް ކަމަށް ހުކުމުގައިވެއެވެ. އަދި އިސްތިސްނާއެއްގެ ގޮތުގައި އާ ނުކުތާއެއް ބަލައިގަތުމުގެ ފުރުސަތު ފަނޑިޔާރުންނަށް ގާނޫނުން އޮތަސް އެއީ ދައުލަތުގެ ފަރުވާކުޑަކުރުމުގެ ސަބަބުން ކުރެވޭ ގޯސް ކަންކަން ރަނގަޅުކުރަން އޮތް މަގެއް ކަމަށް ގަބޫލުނުކުރާ ކަމަށް ހުކުމުގައިވެއެވެ.
”… ދައުލަތުގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން ނިންމި ނިންމުމުގެ މައްޗަށް ކުރިން ހުށަހަޅާފައިނުވާ މުޅިން އާ ކަމެއް ތަތުބީގުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާއެއް ކަމަށް އަހުރެންނަށް ބުރަވެވޭތީ އެކަމުގެ މައްޗަށް މި ކޯޓުން ގޮތް ކަނޑައަޅަން ޖެހޭ ކަމަށް ނުދެކެން،“
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
އާރަށުގެ މައްސަލަ އަނބުރާ ދަށު ކޯޓަށް ފޮނުވާލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް މަޑުޖެހިފައިވަނީ މި އިސްތިއުނާފީ މައްސަލަ ނިމެންދެނެވެ. އާރަށުގެ މައްސަލައިގެ އިތުރުން، ވ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލަ ވެސް އޮތީ ކްރިމިނަލް ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ