އަޅުގަނޑު ނާޒިމްއާ ދައްކާނެ ވާހަކައެއް އަދި ކުރާނެ މަޝްވަރާއެއް ވެސް ނެތް: މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިއްޔެ އިސްތިއުފާދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއާ ދައްކާނެ ވާހަކައެއް އަދި ކުރައްވާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ ސިންގަޕޫރުގައި އެމަނިކުފާނު ނާޒިމްއާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ނާޒިމްއާ ވާހަކަ ދެއްކުމަށް އަދި އެއްވެސް މަޝްވަރާއެއް ކުރުމަށް ވެސް ނުވިސްނަވާ ކަމަށެވެ. 
"އަޅުގަނޑު ދިޔައީ ޗުއްޓީއަށް [ސިންގަޕޫރަށް]. އަޅުގަނޑުގެ ފެމިލީއާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން. ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައި. އަޅުގަނޑު ނާޒިމްއާ އެކީގައި ދައްކާނެ ވާހަކައެއް ވެސް، މަޝްވަރާއެއް ވެސް އަދި ނެގޯސިއޭޝަނެއް ވެސް ނެތް. އެކަމަކަށް ވިސްނާފައެއް ވެސް ނޯންނާނެ. އެއީކީއެއް އެކަހަލަ އެއްވެސް ބޭނުމެއްގައި ކުރި ދަތުރެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ. 
މުއިއްޒު ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރަކީ މާކުރިން ޝެޑިއުލްކޮށްގެން ކުރެއްވި ދަތުރެއް ކަމަށާއި މުޅި ދަތުރުގައި ވެސް ވަގުތު ހޭދަކުރެއްވީ އާއިލާއާއެކު ކަމަށެވެ. 
ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ބައްދަލުކުރައްވަން ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވަނިކޮށް، ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ.
ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ނާޒިމްއާ ބައްދަލުކުރެއްވުމަށް ކަމަށެވެ. އޭނާ ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. 
މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ ނާޒިމް "ވަކި ސިޔާސީ ފިކުރަކަށް ބުރަވެ" މަސައްކަތް ކުރާ ކަމަށާއި މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަންވެސް މަސައްކަތް ކުރާ ކަމަށެވެ.
"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،" އެ މައްސަލައިގައި ބުންޏެވެ. 
ނަމަވެސް ޕީއެންސީން ކުރި ތުހުމަތުތައް ދޮގުކުރައްވާ ނާޒިމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް، ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު އޭނާ ގާނޫނުއަސާސީއާ ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވިކަމުގެ ޝަކުވާ ކުރިން އުފުލާފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީން ހުށަހަޅާފައި ވަނިކޮށް، އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށް ވިދާޅުވަމުން. ނާޒިމް ވިދާޅުވީ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް.
ނާޒިމް ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ. 
ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ. 
ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ