ޕީއެންސީ ދޫކޮށްލަން މަޖިލިސް މެންބަރުންތަކެއް ތައްޔާރަށް އެބަތިބި: އިބޫ

ސަރުކާރު ހިންގާ ޕީއެންސީ ދޫކޮށްލަން މަޖިލިސް މެންބަރުންތަކެއް ތައްޔާރަށް އެބަތިބި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމަން އައްޑޫގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައީ ދެކޮޅު ނުޖެހޭ އިސްލާހެއް ކަމަށެވެ.އޭގެ ބޭނުމަކީ މެމްބަރުން "ތަޅު އެޅުވުން" ކަމަށާއި އެކަމާ ހެދި މެމްބަރުންނަށް މިނިވަންކަމާ އެކު އާއްމުންގެ އަޑު އުފުލޭކަށް ވެސް ނެތް ކަމަށް ވިދާޅުވި އެވެ. ސޯލިހު ވިދާޅުވި ގޮތުގައި، މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެމްބަރެއް އެ މަނިކުފާނަށް ގުޅުއްވައި، އެ މެމްބަރުން ތިއްބެވީ މި ސަރުކާރު ޖަވާބުދާރީކުރުވަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އެ ބޭފުޅުން ތިއްބެވީ ކުރީގެ ތިން ރައީސުންނާ އެކު ކަމަށް އެ މެމްބަރާ ހަވާލާ ދެއްވައި ސޯލިހު ވިދާޅުވި އެވެ.ސޯލިހު ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުގައި ގެނެސްފައިވަނީ ވަރަށް ދެކޮޅުނުޖެހޭ އިސްލާހެއް ކަމަށާއި އެކަންތައްތައް ބަދަލުކުރަންޖެހޭ ކަމަށެވެ.ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) މަޖިލީހަށް ހޮވުމާ އެކު، އެ މަސައްކަތް ފެށޭނެ ކަމަށާއި ކުރިއަށް އޮތް އަހަރު ތެރޭ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ."ތިލަފަތަށް ބަރުވަމުން މިއަންނަނީ އެނގޭތޯ. ތިލަފަތަށް ބަރުވަމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ ސޯބެ، މިއަންނަ ހޮނިހިރު ދުވަހު ތިބޭފުުޅުން ހޮވާނެ މަޖިލީހަށް. އެއާ އެކީގައި މި ދެންނެވި އެތައް ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހަށް އެބަ އާދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ."ރައީސް ނަޝީދު ވިދާޅުވާހެން، އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު އަޅުގަނޑުމެން ޖަވާބުދާރީކުރުވާނެ ނޫނީ އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކޮށްފައި ވަޑައިގަންނަވަން."މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވަނީ 12 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ