އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލޭގައި އަންހެނަކު ކޮޓަރިއެއްގައި ބަންދުކޮށްގެން، ހަށިވިއްކުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މުޙައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަލޮޅުގެ ގެއެއްގައި ދިރިއުޅޭ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި ވިކްޓިމްއާ ގުޅޭ ލިޔުންތަކެއް ހިމެނެއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ, އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން އޭނާ ލައްވައި ހަށިވިއްކުމުގެ އަމަލުތައް ހިންގުވިކަމަށެވެ. އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދަނީ އާދައިގެ ކުށެއްގެ ގޮތުގައެއް ނޫނެވެ. ކޯޓު އަމުރުގައި ހަވާލާދީފައިވާ ގާނޫނުތަކަށް ބަލާއިރު، މިއީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަހުގީގުކުރަމުންދާ މައްސަލައެކެވެ. މައްސަލަ ބެއްލެވި ގާޒީ ނިންމެވި ނިންމެވުމުގައި، މީހާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ނެޓްވޯކްތައް ހިންގާ މައްސަލަތައް ފަހަކަށް އައިސް ފުލުހުން ދަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. މިފަދަ މައްސަލަތަކުގައި ގިނައިން ޝާމިލުވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި، ވަޒީފާގެ ނަމުގައި ބޭރު ގައުމުތަކުން ރާއްޖެއަށް ގެނެސް ޕާސްޕޯޓު ހިފެހެއްޓުމަށްފަހު މަޖުބޫރުން ހަށިވިއްކުވާ އަންހެނުންކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ