އަހުމަދިއްޔާ ސްކޫލަށް ބަޔަކު ވަދެ ޓީޗަރަކަށް އިންޒާރުދިން މައްސަލައެއް
އެތައް ހާސް ދަރިވަރުންނެއް ތައުލީމު ހާސިލު ކުރާ, އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ބަޔަކު ވަދެ، އެ ސްކޫލުގެ ޓީޗަރަކަށާއި އޭނާގެ އާއިލާއަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މި ހާދިސާ ހިނގާފައިވަނީ ސްކޫލުގެ ކިޔެވުން ނިމި، ދަރިވަރުން ބަލައި ގިނަ އަދަދެއްގެ ބެލެނިވެރިން ގޮސް ތިބި ވަގުތެއްގައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، މިކަން ހިނގީ ދަރިވަރަކު ބަލައި ސްކޫލަށް ދިޔަ ބެލެނިވެރިއަކު ރުޅިގަދަވެގެންނެވެ. އެ ބެލެނިވެރިޔާ އެ ސްކޫލުގެ އިސް ޓީޗަރެއްގެ ގާތު ދަރިވަރު ކޮބާތޯ އެހީ އެ ދަރިވަރު އަސްލު އުޅޭ ގްރޭޑް ނޫން އެހެން ގްރޭޑެއް ބުނެ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ބެލެނިވެރިޔާ ބުނި ގްރޭޑްގެ ދަރިވަރުން ނެތް ކަމަށް ބުނުމުން ބެލެނިވެރިޔާ ރުޅިގަދަވެ, އެއްޗެހި ގޮވާ ހެދީ ކަމަށް ވެސް އެ މީހުން ބުންޏެވެ. މަންޒަރު ދުށް މީހުން އިތުރަށް ކިޔައިދިން ގޮތުގައި އެކަން އެ ހިސާބުން ނުނިމި، އެ ބެލެނިވެރިޔާ ވަނީ އިތުރު ދެ މީހަކު ސްކޫލު ތެރެއަށް ގެނެސްފައެވެ. އަދި އެ މީހުންނާ ގުޅިގެން ޓީޗަރަށް ބިރުދައްކައި، ޓީޗަރުގެ އިތުރުން އޭނާގެ ދަރިންނަށް ވެސް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ. މި މައްސަލައާ ގުޅިގެން އަހުމަދިއްޔާ ސްކޫލުގެ މެނޭޖްމަންޓުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ސްކޫލުގެ ފަރާތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރުކުރެވިފައެއް ނުވެއެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ސްކޫލުތަކަށް ވަދެ، ޓީޗަރުންނާއި ސްކޫލުގެ ވެރިންނަށް އިންޒާރު ދިނުން ފަދަ އަމަލުތައް މަދުން ނަމަވެސް ހިނގާފައި އެބަހުއްޓެވެ. ޓީޗަރުންނަށް އަމާޒުކޮށް ދެވޭ މިފަދަ އިންޒާރުތަކަކީ ތައުލީމީ ނިޒާމަށް އޮންނަ އިތުބާރު ކުޑަވެ، ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ