މީސްތަކުން ތިބޭނީ އެބައިމީހުންގެ ވެރިންގެ އުޅުމުގެ މަތީގައެވެ.

"މީސްތަކުން ތިބޭނީ އެބައިމީހުންގެ ވެރިންގެ އުޅުމުގެ މަތީގައެވެ." މިއީ އަރަބި ގަދީމީ ޒަމާނުގައި ބުނެއުޅޭ އަދަބީ ބަހެކެވެ. މީގެ މާނައަކީ ރައްޔިތުންގެ އަހުލާގާއި, އުޅުމާއި, އަދި މީސްތަކުންގެ ޝައުގުވެރިކަން ހުންނަ ގޮތް ބިނާވާނީ އެބައިމީހުންގެ ވެރިންގެ ކިބައިގައި ހުންނަ ސިފަތަކެއްގެ މަތީގަ އެވެ. ވެރިންނަކީ ރައްޔިތުންނަށް ހުރި ނަމޫނާއެކެވެ.
މި އިބާރާތާ ބެހޭގޮތުން އިބްނު ޚަލްދޫން ވާހަކަ ދައްކަވާފައިވެ އެވެ. މީގެ އިތުރުން އަލްއިމާމު އިބްނު ކަޘީރުގެ "އަލްބިދާޔާ ވައްނިހާޔާ" ފޮތުގައި އުމަވީ ދައުލަތުގެ ޚަލީފާއިންގެ ދުވަސްވަރުގެ ރައްޔިތުންގެ އުޅުން ހުރި ގޮތް ސިފަކުރައްވާފައިވެ އެވެ.
ޚަލީފާ ވަލީދު ބިން ޢަބްދުލްމަލިކްގެ ދުވަސްވަރު، އެކަލޭގެފާނަކީ ރޭނުމާއި އިމާރާތްކުރުމަށް ލޯބިކުރެއްވި ބޭކަލެކެވެ. އެ ދުވަސްވަރު މީސްތަކުން ބައްދަލުވެ އުޅޭއިރު ދައްކާ ވާހަކައަކީ؛ "މިވެނި ތަނެއްގައި ހެދީ ކޮން ކަހަލަ އިމާރާތެއް؟" ނުވަތަ ގޭގެ ބިނާކުރުން ހުރި ގޮތްތަކާ ބެހޭގޮތުންނެވެ.
ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކްގެ ދުވަސްވަރު، އެކަލޭގެފާނަކީ މީރު ކާނާއާއި ކައިވެނިކުރުން ފަދަ ކަންކަމަށް ޝައުޤުވެރިކަން ހުރި ބޭކަލެކެވެ. އެ ދުވަސްވަރު މީސްތަކުން ބައްދަލުވެ އުޅޭއިރު ދައްކާ ވާހަކައަކީ ކާބޯތަކެތީގެ މީރުކަމުގެ ވާހަކައާއި، އާ ކައިވެނިތަކުގެ ވާހަކައެވެ. އަދި ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ ދުވަސްވަރު، އެކަލޭގެފާނަކީ ވަރަށް އަޅުވެރި، ތަޤުވާވެރި، ޒާހިދު ބޭކަލެކެވެ. އެހެންކަމުން މުޅި މުޖުތަމައު ބަދަލުވެގެން ދިޔައީ އެގޮތަށެވެ. އެ ދުވަސްވަރު މީސްތަކުން ބައްދަލުވެ އުޅޭއިރު ދައްކާ ވާހަކައަކީ ފަރުޟު ފަސްނަމާދުކުރުމުގެ މުހިންމުކަމުގެ ވާހަކައާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ވާހަކައާއި، ސުންނަތް ރޯދަ ހިފުމުގެ ވާހަކައެވެ.
މިއަދަބީ ބަހުގެ އިޖުތިމާއީ ތަހުލީލަށް ބަލާއިރު، އާންމު ގޮތެއްގައި މީސްތަކުންގެ ތަބީއަތަކީ ވެރިކަމުގައި ތިބި މީހުންނާއި ދައުލަތުގެ އިސްވެރިންގެ އުޅުން ހުރި ގޮތް ކޮޕީކުރުމެވެ.
އެއީ ވެރިންގެ ރުހުން ހޯދުމަށްޓަކައި ނުވަތަ ވެރިންގެ ފަރާތުން އަމިއްލަ މަސްލަހަތަށް ކަންކަން ކުރުމާއި، ވެރިކަމުގެ ހިޔަލުގައި ތިމާގެ މުއްސަނދިކަމާއި ތަނަވަސްކަން ހޯދުމުގެ ބޭނުމުގައެވެ. މީގެ އިތުރުން މުޖުތަމައުގެ ވިސްނުން ބައްޓަން ކުރާނެ ވަސީލަތްތައް ކަމަށްވާ ތައުލީމީ ނިޒާމު، މީޑިއާ، އަދި ގާނޫނުތަކުގެ ބާރުވެރި ފަރާތަކީ ދައުލަތުގެ ވެރިޔާ އެވެ. އަދި އެ ވަސީލަތްތަކުގެ އެހީގައި މުޖުތަމަޢުގެ މިސްރާބު ވަކި އަގުތަކަކަށް، ނުވަތަ ވެރިމީހާ ބޭނުންވާ ގޮތަށް މުޅި މުޖުތަމަޢު ބައްޓަން ކުރެވޭނެއެވެ.
ވެރިމީހާގެ އަތްމަތީގައި މުޖުތަމައުގެ އަހުލާގު ރަނގަޅުކުރުމުގެ ބާރު އޮންނަނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ ނަމޫނާ ދެއްކުމެވެ. ވެރިމީހާއަކީ ތެދުވެރި، އަމާނާތްތެރި، ތެދުބަހުން ވާހަކަ ދައްކާ، އަދި އަޚްލާޤު ރަނގަޅު މީހަކަށް ވެއްޖެނަމަ، ވެރިމީހާގެ ދަށުން ތިބޭ މީހުންނާއި ރައްޔިތުން އެގޮތަށް ޢަމަލު ކުރާނެއެވެ. އަދި ރައްޔިތުންގެ ލޯބި އެމީހަކަށް ލިބޭނެއެވެ. ދެވަނަ ސަބަބަކީ ޤާނޫނީ ހަމަހަމަކަމެވެ. އަޚްލާޤީ ގޮތުން ނުބައި ކަންކަން ހުއްޓުވުމަށް ހަރުދަނާ ޤާނޫނުތައް ހަދައި، ވަކި ފަރާތަކަށް ނުޖެހި އެ ޤާނޫނުތައް ހިންގުމުގެ ބާރު އޮތީ ވެރިމީހާގެ އަތުގައެވެ. ޤާނޫނީ ބާރުވެރިކަން ލިބިފައިވާ މުއައްސަސާތައް ތެދުވެރިކަމާއި ޢަދުލުވެރިކަމާއެކު ހިންގުމުގެ ބާރުވެރި ފަރާތަކީވެސް ވެރިމީހާއެވެ. ޢަދުލުވެރިކަމާއި ގާނޫނީ ހަމަހަމަކަން ނެތް ތަނެއްގައި އަހުލާގު ނުބައިވެ، އެތަނަކުން އަމާންކަން ގެއްލިދާނެ އެވެ. ތިންވަނަ ސަބަބަކީ ނިޒާމުތައް ބައްޓަންކުރުމެވެ. މީޑިއާއާއި، ތައުލީމީ ނިޒާމާއި، އަދި ދީނީ މުއައްސަސާތައް މެދުވެރިކޮށް މުޖުތަމައުގައި ރަނގަޅު އަހުލާގީ ސިފަތައް އާލާކުރުމުގެ ފުރުޞަތު ވެރިމީހާއަށް ލިބިގެންވެ އެވެ.
މުޖުތަމައުގެ އަހުލަގީ ބިންގާ ސީދާވުން އޮތީ ވެރިންގެ އަމަލާއި ސުލޫކުގެ މަތީގައެވެ. "މީސްތަކުން ތިބޭނީ އެބައިމީހުންގެ ވެރިންގެ އުޅުމުގެ މަތީގައެވެ." މިއީ ހަމައެކަނި ތާރީހީ ބަހެއް ނޫނެވެ. ބާރުވެރިކަމުގެ ނަމޫނާއިން މުޅި ގައުމުގެ މިސްރާބު ބަދަލުކޮށްލެވޭނެކަން ސާބިތުކޮށްދޭ ދިރިހުރި ހަގީގަތެކެވެ.
ވެރިންނަކީ ރައްޔިތުންގެ ލޯގަނޑެވެ. ލޯގަނޑުން ރީތި ސޫރައެއް ފެންނަން އެދޭނަމަ، އެންމެ ފުރަތަމަ ސީދާވާންވީ ވެރިންގެ އުޅުމާއި އަޚްލާޤެވެ. މި ޙިކުމަތްތެރި ބަހުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ރައްޔިތުން އިޞްލާޙުކުރުމުގެ އެންމެ ބޮޑު ބާރާއި މަސްއޫލިއްޔަތު އޮތީ ވެރިންގެ އަތްމަތީގައި ކަމެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމުގައި ވެރިންގެ ދައުރު އަދާނުކޮށް، ހަމައެކަނި ރައްޔިތުންގެ ފަރާތުން ހެޔޮ ބަދަލަކަށް އިންތިޒާރުކުރުމަކީ ބާތިލު ވިސްނުމެކެވެ. މި ބަސްފުޅުގައިވާ ފަދައިން، ވެރިންގެ ކިބައިން ފެންނަންޖެހޭ ތެދުބަހުން ވާހަކަދެއްކުމާއި، އަމާނާތްތެރިކަމާއި، ޢަދުލުވެރިކަމަކީ، މުޅި ރައްޔިތުންގެ ސުލޫކު ބައްޓަންކުރާ މައިގަނޑު ބާރެވެ. ގައުމެއްގެ އަހުލާގީ ދިރުން ގުޅިފައިވަނީ ވެރިންގެ އިސްލާހީ ހިތްވަރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ