ތިމާވެށި ފަނާކުރުމަށް ކުރުމުންދާ ކަންކަން ހުއްޓާލުމަށް 33 ޖަމިއްޔާއަކުން ގޮވާލައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ހުރި ގާނޫނީ އޮނިގަނޑުތައް މުގުރާލައި، ގުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އެކަމުގެ ކަންބޮޑުވުން 33 ޖަމިއްޔާއަކުން މިއަދު ފާޅުކޮށްފި އެވެ. 
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސްގެ އިތުރުން އެހެން ޖަމިއްޔާތައް ގުޅިގެން ނެރުނު އެ ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ދެމިއޮތުން ބިނާވެފައިވާ ފަރުތަކާއި، ކުޅި ތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ސަރުކާރުން ދެމުންދާ ހަމަލާތަކަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރުވެރި ނުރައްކަލެއް ކަމަށެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކުރާ އެޖެންސީގެ މިނިވަންކަން ނަގާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިމާވެށްޓަށް ގެއްލުންދެނިވި ކަންކަން ކުރުމަށް ހުއްދަދިނުމާއި، މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމަކީ ސިޔާސީ ބޭނުމަށްޓަކައި ހިންގާ ތިމާވެށީގެ ގަތުލުއާންމެކެވެ.
ހާއްސަކޮށް އައްޑޫ ސިޓީގެ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވާއި ވިލިމާލެ ފަދަ ނާޒުކު ސަރަހައްދުތަކަށް އަމާޒުކޮށް ހިންގާ ބިޔަ މަޝްރޫއުތަކަކީ އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތި ކުރިއަށްގެންދާ މަޝްރޫއުތަކެއްގެ ގޮތުގައި ޖަމިއްޔާތަކުން ސިފަކޮށްފައިވެ އެވެ.
މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރާ އިދާރާތަކަށް ފުރިހަމަ މިނިވަންކަން ދިނުމަށާއި، ތިމާވެށީގެ އޮނިގަނޑަށް ގެނެސްފައިވާ ގެއްލުންދެނިވި ބަދަލުތައް ވަގުތުން އުވާލުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
އޭގެ ތެރޭގައި މަގު ހެދުމާއި، ބޯހިޔާވަހިކަމާއި، ގަސް ކެނޑުން ފަދަ ކަންކަމުގައި އީއައިއޭ ހެދުން އިސްތިސްނާކޮށްފައިވާ ގަވާއިދުތައް ބާތިލުކުރުން ހިމެނެ އެވެ. އަދި އައްޑޫގެ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގެ އިންތައް ކުރިން އޮތް ގޮތަށް އިއާދަކުރުމަށާއި، ވިލިމާލޭގެ ގަސްތައް ކެނޑުން ހުއްޓާލުމަށްވެސް ބަޔާނުގައި އެދިފައިވެ އެވެ.
ކޮރަޕްޝަނުގެ ތެރެއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް އަނބުރާ ދައުލަތަށް ނެގުމަށާއި، އެމްއެމްޕީއާރުސީ ފަދަ ބޮޑެތި ހިޔާނާތްތަކުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް މި ބަޔާނުގައި ބާރުއަޅާފައިވެ އެވެ. ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ކުރިން މިހާތަނަށް ހިއްކާފައިވާ ބިމުގެ ތަފްސީލާއި އެ ބިންތައް ބޭނުންކުރާ ގޮތުގެ ރިޕޯޓެއް އާންމުކުރުމަށް ގޮވާލި އެވެ. 
ތިމާވެށީގެ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް ކުރިމަތިވާ ބިރުދެއްކުންތައް ހުއްޓުވައި، އެފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ޖަމިއްޔާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު، ފަރުތަކާއި ކުޅިތަކާ ނުލައި ރާއްޖެއެއް ނޯންނާނެކަން ޖަމިއްޔާތަކުން ފާހަގަކުރި އެވެ. އެގޮތުން ތިމާވެށްޓަށް ދެވޭ ކޮންމެ ގެއްލުމަކީ މިއަދުގެ ރައްޔިތުންނާއި އަންނާން އޮތް ޖީލުތަކަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މިހާރު ގެއްލިގެންދާ ވަސީލަތްތަކަކީ ދުވަހަކުވެސް އިއާދަނުކުރެވޭނެ ތަކެތި ކަމަށް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ