އައިވަރީ ކޯސްޓު އަތުން ފްރާންސް ބަލިވުން: އެމްބާޕޭގެ ފޯމު ގެއްލި، ކޯޗަށް ބޮޑު ފާޑުކިއުމެއް

2026 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ފްރާންސް އަދިވެސް ހިމެނެއެވެ. ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިންތަކަކާއެކު އެ ޓީމަކީ ކޮންމެ ވަގުތެއްގައިވެސް މެޗެއްގެ ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ހުރި ޓީމެކެވެ. ނަމަވެސް، އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްފަހު، ފްރާންސް ވޯލްޑް ކަޕަށް ދާނީ އެންމެ ފުރިހަމަ ފޯމުގައިތޯ މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ބައިނަލްއަގުވާމީ މެޗުތަކުގެ ބްރޭކްގައި އައިވަރީ ކޯސްޓް އަތުން 2-1 ގެ ނަތީޖާއަކުން ފްރާންސް ބަލިވި މެޗަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ސިހުމެކެވެ. މެޗުގެ ނަތީޖާއަށްވުރެ ބޮޑަށް، ފްރާންސްގެ ކުޅުމުގެ ވައްޓަފާޅި ގެއްލި، ޑިފެންސް ބަލިކަށިކޮށް ފެނުމަކީ ކުރިން އެ ޓީމުން ނުފެންނަ ސިފަތަކެކެވެ. މި ބަލިވުމާއެކު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ ކޯޗު ޑިޑިއޭ ޑެޝޯމްޕް އަށެވެ. 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދީ، 2022 ގެ ރަނަރަޕްކަން ހޯދައިދިން ޑެޝޯމްޕްއަކީ ގައުމީ ބަތަލެއް ނަމަވެސް، 10 އަހަރަށްވުރެ ގިނަ ދުވަހު މަގާމުގައި ހުރުމަށްފަހު، މިހާރު އޭނާގެ ރޭވުންތަކުން އާދިރުމެއް ނުފެންނަ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އައިވަރީ ކޯސްޓާއި ފްރާންސް ބައްދަލުކުރި މެޗުގައި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް-- ފްރާންސްގެ މޮޅު ކުޅުންތެރިންގެ ހުނަރުގެ ބޭނުން ހިފުމުގެ ބަދަލުގައި، މާ ބޮޑަށް ރައްކާތެރި ގޭމެއް ކުޅޭތީ ފާޑުކިއުންތައް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ފްރާންސްގެ އެންމެ ބޮޑު ހާސްކަމަކީ ކީލިއަން އެމްބާޕޭގެ ފޯމެވެ. ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު، އޭނާގެ އަމިއްލަ ރެކޯޑުތައް ރަނގަޅުވި ނަމަވެސް، ބޮޑެތި މެޗުތަކުގައި ކުރީގެ ނުފޫޒެއް ނުދެއްކެއެވެ. މީޑިއާގެ ފިއްތުންތައް ބޮޑުވެ، އެމްބާޕޭގެ ކުޅުން ކުރިއާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. ކުރީގެ މުބާރާތްތަކުގައި ޓީމު ބަލިކަށިވާ ވަގުތުތަކުގައި އަމިއްލަ ހުނަރުން މެޗުތައް ކާމިޔާބުކޮށްދިން އެމްބާޕޭ، އޭނާގެ އެންމެ މޮޅު ފޯމުގައި ވޯލްޑް ކަޕަށް ނުގޮސްފިނަމަ ފްރާންސަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެއެވެ. ފްރާންސް ކޮޅަށް ލަނޑު ޖެހުމަށްފަހު އައިވަރީ ކޯސްޓްގެ ކުޅުންތެރިން އުފާފާޅުކުރަނީ-- މި ހުރިހާ މައްސަލަތަކަކާއެކުވެސް، ވޯލްޑް ކަޕްގެ ކުރިން މިކަންކަން އިސްލާހުކުރަން ފްރާންސަށް އަދި ވަގުތު އެބައޮތެވެ. އަދި މުބާރާތުގެ ތަށި އުފުލާލެވޭނެ ފަދަ މޮޅު ކުޅުންތެރިން ޓީމުގައި އެބަތިއްބެވެ. ނަމަވެސް، އައިވަރީ ކޯސްޓް އަތުން ބަލިވުމާއި، ކޯޗުގެ ރޭވުންތެރިކަމާއި، އެމްބާޕޭގެ ފޯމާމެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުން، 2026 ގެ ވޯލްޑް ކަޕަށް ފްރާންސް ކުރިމަތިލަނީ ހީކުރި ވަރަށްވުރެ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ