މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން ކުރި ޑޮމެސްޓިކް އެކްސްޕޯޓްގެ އަދަދު 54 ޕަސެންޓް ދަށްވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީން އޭޕްރީލްގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓް ކުރީ 26 މިލިއަން ޑޮލަރުގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 56 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ އޭޝިއާ ސަރަހައްދާއި ޔޫރަޕްގެ ގައުމުތަކަށެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރު އޭޝިއާއަށް ކުރި އެކްސްޕޯޓް ވަނީ 68 ޕަސެންޓް ދަށްވެފަ އެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓް ކުރި ވަރު ވަނީ 14 ޕަސެންޓް ދަށްވެފަ އެވެ.
ވަކި ވަކި ގައުމުތަކުގެ ތެރެއިން ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނި ތައިލެންޑާއި އިނގިރޭސިވިލާތަށެވެ. އަހަރުގެ ފުރަތަމަ ހަތަރު މަހު ތައިލެންޑަށް ކުރި އެކްސްޕޯޓް ވަނީ މިދިޔަ އަހަރަށް ވުރެ 74 ޕަސެންޓް ދަށްވެފަ އެވެ. އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރި ވަރު 19 ޕަސެންޓަށް ދަށްވި އިރު ސްރީލަންކާއަށް އެކްސްޕޯޓް ކުރި މިންވަރުވަނީ 20 ޕަސެންޓަށް ދަށްވެފަ އެވެ. އަދި އިޓަލީއަށް އެކްސްޕޯޓް ކުރި ވަރު ވަނީ 19 ޕަސެންޓަށް ދަށްވެފަ އެވެ.
މި މުއްދަތުގައި ރާއްޖެއިން އެމެރިކާއަށް ކުރި އެކްސްޕޯޓް މިދިޔަ އަހަރަށް ވުރެ 174 ޕަސެންޓް އިތުރެވެ. އެކަމަކު ނިސްބަތުން އެގައުމަށް އެކްސްޕޯޓް ކުރަނީ ރާއްޖޭގެ ޖުމްލަ އެކްސްޕޯޓުގެ ކުޑަ މިންވަރެކެވެ. އެމެރިކާގެ އިތުރުން ޖަރުމަނާއި ފްރާންސަށް އެކްސްޕޯޓް ކުރި ވަރު ވެސް މި މުއްދަތުގައި އިތުރެވެ.
ރާއްޖެއިން މި ގައުމުތަކަސް އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ.
ޑޮމެސްޓިކް އެކްސްޕޯޓް ދަށްވި ނަމަވެސް ރީއެކްސްޕޯޓާ އެކު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ހަތަރު މަހަށް ވުރެ އިތުރުވެފަ އެވެ. ފުރަތަމަ ހަތަރު މަހު ރާއްޖެއިން ވަނީ 204 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.
ޑޮމެސްޓިކް އެކްސްޕޯޓް 54 ޕަސެންޓަށް ދަށްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ