މެޓާ އިން "އިންސްޓަގްރާމް ޕްލަސް" ގެ ނަމުގައި މަހަކު 3.99 ޑޮލަރަށް ސަބްސްކްރިޕްޝަން ހިދުމަތް ރަސްމީކޮށް ލޯންޗްކޮށްފިއެވެ. މި ހިދުމަތުގެ ދަށުން، އާންމުކޮށް ބޭނުންކުރާ ފަރާތްތަކަށް ލިބޭ 24 ގަޑިއިރުގެ ބަދަލުގައި 48 ގަޑިއިރަށް ދެމިގެންދާ "ސްޓޯރީ" ތައް ހިމެނޭހެން އިތުރު ފީޗާތަކެއް ލިބިގެންދާނެއެވެ.
މި އާ ހިދުމަތުގެ މަގްސަދަކީ އިޝްތިހާރުގެ މައްޗަށް ބޮޑަށް ބަރޯސާވެފައިވާ މެޓާގެ އާމްދަނީ ލިބޭ މަގުތައް އިތުރުކުރުމެވެ. ފޮޓޯ ހިއްސާކުރާ މި އެޕްލިކޭޝަން ކުރިއެކޭވެސް އެއްފަދައިން ހިލޭ ބޭނުންކުރެވޭނެ ކަމަށާއި، ފައިސާ ނުދައްކާ ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިންސްޓަގްރާމުން ބުރާސްފަތި ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
"މިއަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާ އަދި ލޯބިވާ އިންސްޓަގްރާމަކަށް ބަދަލެއް ނާދޭ. މި ސަބްސްކްރިޕްޝަނަކީ ހަމައެކަނި އިތުރު ފީޗާތައް ބޭނުންވާ ފަރާތްތަކަށް އޮތް އިޚްތިޔާރީ އަޕްގްރޭޑެއް،" އެ ކުންފުނިން ބުންޏެވެ.
މަހަކު 3.99 ޑޮލަރަށް ލިބެނީ ކޮން އެއްޗެއް؟
ފައިސާ ދައްކައިގެން ސަބްސްކްރިޕްޝަން ނަގާ ފަރާތްތަކުން ލާ ސްޓޯރީތައް (24 ގަޑިއިރަށް ފެންނަން ހުންނަ ފޮޓޯ ނުވަތަ ވީޑިއޯ) 48 ގަޑިއިރަށް ބެހެއްޓޭނެއެވެ.
މީގެ އިތުރުން، އިންސްޓަގްރާމް ޕްލަސް ބޭނުންކުރާ ފަރާތްތަކަށް ވަކިވަކި ގްރޫޕްތަކާ ކޮންޓެންޓް ހިއްސާކުރުމަށްޓަކައި އެކި "އޯޑިއަންސް ލިސްޓް" ތައް ހެދޭނެއެވެ. މެޓާ އިން ބުނާ ގޮތުގައި މިފަދަ އަޕްގްރޭޑްތަކުގެ ސަބަބުން ފޮލޯވަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެއެވެ.
މި ހިދުމަތުގައި އޯޑިއަންސް މެޓްރިކްސް ނުވަތަ ތަފާސްހިސާބު ބަލާލެވޭ އާ ފީޗާތަކެއްވެސް ހިމެނެއެވެ. މިސާލަކަށް، ސްޓޯރީއެއް ކިތައް ފަހަރު އަލުން ބަލާފައިވާކަން (ރީވޮޗްޑް) ބަލާލެވޭނެއެވެ. މިއީ އެ ކޮންޓެންޓަކަށް ފޮލޯވަރުން ޝައުގުވެރިވި މިންވަރު ދެނެގަތުމަށް ލިބޭ ފުރުސަތެކެވެ.
އަދި ވަކި ހާއްސަ މީހަކު ސްޓޯރީ ބަލާފައިވޭތޯވެސް ފަސޭހައިން ސާޗްކޮށްލެވޭނެއެވެ.
ކަސްޓަމް އެޕް އައިކަން އަދި ފޮންޓްސް
އިންސްޓަގްރާމް ޕްލަސް ބޭނުންކުރާ ފަރާތްތަކަށް އާންމުކޮށް ހުންނަ އައިކަންގެ ބަދަލުގައި އަމިއްލައަށް ބޭނުންވާ ގޮތަކަށް އެޕް އައިކަން ބަދަލުކޮށްލެވޭނެއެވެ. މީގެ އިތުރުން ބަޔޯ ލިޔާއިރު ތަފާތު ފޮންޓްތައް ބޭނުންކުރުމާއި، ރައްޓެހިންގެ ފީޑަށް އޮޓޮމެޓިކުން ނުދާ ގޮތަށް ޕްރޮފައިލަށް ކޮންޓެންޓް ޕޯސްޓްކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް މެޓާ އިން ބުންޏެވެ.
އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނިން އިތުރަށް ބުނި ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އިންސްޓަގްރާމް ޕްލަސް އަށް އިތުރު އާ ފީޗާތައް ތައާރަފުކުރާނެއެވެ.
ވިޔަފާރިތަކަށް މެޓާގެ އޭއައި އެޖެންޓުން
މެޓާ އިން ބުދަ ދުވަހު ވަނީ ވިޔަފާރިތަކަށް ހާއްސަކޮށް "މެޓާ ބިޒްނަސް އެޖެންޓް" ގެ ނަމުގައި އޭއައި އެޖެންޓުންތަކެއް ތައާރަފުކޮށްފައެވެ. މިއީ ވަޓްސްއެޕް، މެސެންޖަރ އަދި އިންސްޓަގްރާމް މެދުވެރިކޮށް އަމިއްލައަށް އުފެއްދުންތައް ރިކޮމެންޑްކުރުމާއި، ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި، އެހެނިހެން މަސައްކަތްތައް އަމިއްލައަށް ކުރުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
މި ބަދަލު މި އައީ ޖެނެރޭޓިވް އޭއައި އަށް ފަހު ދެން އަންނަން އޮތް "އޭޖެންޓިކް އޭއައި" އަށް ވިޔަފާރިތަކުގެ ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ވިޔަފާރިތަކުން މި ޓެކްނޮލޮޖީ ދެކެނީ މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އޮތް ފުރުސަތެއްގެ ގޮތުގައެވެ. އަދި އާންމު ބޭނުންކުރާ ފަރާތްތަކުންވެސް އިދާރީ މަސައްކަތްތައް ކުރުވުމަށް މި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވެއެވެ.
"އިންސްޓަގްރާމް ޕްލަސް" ސަބްސްކްރިޕްޝަން ހިދުމަތް ލޯންޗްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ