އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހެދި ފުރަތަމަ ވެކްސިން އިންސާނުންނަށް ދީފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ މުޅިން އާ ބާވަތެއްގެ ވެކްސިނެއް އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓުކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީގެ ދިރާސާކުރާ ޓީމަކުން އުފެއްދި މި ވެކްސިނަކީ، ގިނަ އަދަދެއްގެ ވައިރަސްތަކުން ރައްކާތެރިކޮށްދީ، ކުރިމަގުގައި އަތުވެދާނެ ބޮޑެތި ބަލިމަޑުކަން ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ވެކްސިނެއް ކަމަށް އެ ފަރާތުން ބުނެއެވެ. މިއީ ވެކްސިނެއްގެ އެންމެ މުހިންމު ބައި އެއްކޮށް އޭއައި މެދުވެރިކޮށް ފަރުމާކޮށް، އިންސާނުންނަށް ދީގެން ތަޖުރިބާކުރާ ފުރަތަމަ ފަހަރެވެ. މި ވެކްސިން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ހުރިހާ ވޭރިއަންޓުތަކާއި، މިހާރު ޖަނަވާރުންގެ ގަޔަށް އަރާ ނަމަވެސް ކުރިމަގުގައި އިންސާނުންނަށް ފެތުރިދާނެ ކަމުގެ ބިރު އޮތް ކޮރޯނާވައިރަސްގެ ހުރިހާ ބާވަތްތަކަކާ ދެކޮޅަށް މަސައްކަތްކުރާ ގޮތަށެވެ. އާންމު ގޮތެއްގައި ވެކްސިން އުފައްދަނީ އެ ދުވަސްވަރެއްގައި ފެތުރެމުންދާ ވައިރަހެއްގެ ބާވަތަށް ބިނާކޮށެވެ. ނަމަވެސް ކެމްބްރިޖްގެ ސައިންސްވެރިން ވަނީ، ކުރިމަގުގައި ނުރައްކަލަކަށް ވެދާނެ ކަމަށް ބެލެވޭ ކޮރޯނާވައިރަސްތަކުގެ ޖެނެޓިކް ކޯޑުތައް ނަގައި، އޭއައި މެދުވެރިކޮށް އެ މައުލޫމާތުތައް ދިރާސާކޮށްފައެވެ. އެއަށްފަހު، އޭއައި އިން ވަނީ "ސުޕާ-އެންޓިޖެން" އެއް ފަރުމާކޮށްފައެވެ. އެންޓިޖެންއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބައްޔާ ދެކޮޅަށް މަސައްކަތްކުރަން ދަސްކޮށްދޭ ވެކްސިންގެ އެންމެ މުހިންމު މާއްދާއެވެ. މި ސުޕަރ-އެންޓިޖެންގެ ސަބަބުން، ވައިރަސް ބަދަލުވި ނަމަވެސް ނުވަތަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އާ ބައްޔެއް އެރި ނަމަވެސް، މުޅި ވައިރަސް އާއިލާއާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދެއެވެ. ކެމްބްރިޖް ޔުނިވާސިޓީގެ ޕްރޮފެސާ ޖޮނަތަން ހީނީ ވިދާޅުވި ގޮތުގައި، ވައިރަސްތައް އަބަދުވެސް ބަދަލުވަމުންދާތީ އިންސާނުން އަބަދުވެސް ތިބެން ޖެހެނީ ވައިރަހަށްވުރެ އެއް ފިޔަވަޅު ފަހަތުގައެވެ. ނަމަވެސް މި އާ ޓެކްނޮލޮޖީގެ ބޭނުމަކީ ވައިރަހަށްވުރެ ކުރިއަރައި، އާ ބަލިމަޑުކަމެއް ފެތުރުމުގެ ކުރިން ރައްކާތެރިކަން ހޯދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި މިއަދު ހުރި ވައިރަސްތަކުން ރައްކާތެރިވުމަށް އުފައްދާ ވެކްސިނެއް ނޫން ކަމަށާއި، މިއީ ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އޭއައި މެދުވެރިކޮށް އިންސާނިއްޔަތަށް ކުރެވިދާނެ ކަންކަމާމެދު ހައިރާންވެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ވެކްސިން ރައްކާތެރިތޯ ބެލުމަށް ފުރަތަމަ މަރުހަލާގައި 39 މީހެއްގެ ގަޔަށް ވަނީ ވެކްސިން ޖަހާފައެވެ. އަދި ދިފާއީ ނިޒާމަށް މި ވެކްސިނުން ކުރާ އަސަރު ދެނެގަތުމަށްޓަކައި ގާތްގަނޑަކަށް 200 މީހުން ބައިވެރިކޮށްގެން ދެވަނަ ދިރާސާއެއް މިހާރު ދަނީ ކުރިއަށެވެ. "ޖާނަލް އޮފް އިންފެކްޝަން" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މިހާތަނަށް ދިފާއީ ނިޒާމަށް ކޮށްފައިވާ އަސަރު ކުޑަ ނަމަވެސް، މިއީ އުންމީދީ ނަތީޖާތަކެކެވެ. ސައުތެމްޓަން ޔުނިވާސިޓީގައި މި ޓެސްޓުތަކުގެ ބައެއް ކުރިއަށްގެންދެވި ޕްރޮފެސާ ސޯލް ފައުސްޓް ވިދާޅުވީ، ވައިރަސްތައް ބަދަލުވަމުންދާ ދަނޑިވަޅެއްގައި، ކުރިމަގުގެ ބަލިމަޑުކަމަށް ވެކްސިން ފަރުމާކުރުމުގައި އޭއައި ޓެކްނޮލޮޖީ މާ ބޮޑަށްވެސް ކާމިޔާބު ކަމަށެވެ. މި ދިރާސާގައި ބައިވެރިވެވަޑައިނުގަންނަވާ، އޮކްސްފޯޑް ވެކްސިން ގްރޫޕްގެ ޑިރެކްޓާ ޕްރޮފެސާ އެންޑީ ޕޮލާޑް ވިދާޅުވި ގޮތުގައި، ޖަނަވާރުން ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުން ފެނިފައިވަނީ ވަރަށް ޝައުގުވެރި ނަތީޖާތަކެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އޭއައި އަކީ ވެކްސިން ދިރާސާކުރުމުގެ ދާއިރާއަށް އަންނާނެ ވަރަށް ބޮޑު އިންގިލާބެކެވެ. ނަމަވެސް އޭނާ އިންޒާރުދެއްވި ގޮތުގައި، ލެބޯޓަރީގައި ގެންގުޅޭ މީދަލުގެ ދިފާއީ ނިޒާމާއި އިންސާނުންގެ ދިފާއީ ނިޒާމު ތަފާތުވާނެއެވެ. އިންސާނުންގެ ދިފާއީ ނިޒާމަކީ އެތައް އަހަރެއް ވަންދެން ތަފާތު ބަލިތަކާ ހަނގުރާމަކޮށް ބައްޓަންވެފައިވާ ނިޒާމަކަށް ވުމުން، އަސްލު އިމްތިހާނަކީ އިންސާނުންގެ ހަށިގަނޑުން ފެންނަ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ