ދަތިތައް ހައްލުކޮށް، ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފިން: އެމްޕީއެލް

އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ޕޯޓުން މާލެ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރުތައް ގެންނަން ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ބުނެފިއެވެ. މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި ހުރިކަމުގެ ޝަކުވާތައް މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ވިޔަފާރިވެރިން ކުރިއެވެ. ހަމަ އެ މަހުގެ އަށެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ލަންކާގެ ކޮލޮމްބޯ ޕޯޓުގައި ރާއްޖެ ނުގެނެވި 4،200 ކޮންޓެނިއަރު ހުރިކަން ހާމަކުރައްވާފައެވެ. https://sun.mv/220322 އޭގެ ފަހުން މިއަދު އެމްޕީއެލްއިން ބުނީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ ކޮލޮމްބޯ ޕޯޓުން މާލެއަށް ކޮންޓޭނަރު ގެނައުމުގައި ދިމާވި ދަތިތައް ހައްލުކޮށްފައިވާ ކަމަށެވެ. އޭރު މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް އުފެދުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުން ކަމަށް އެމްޕީއެލްއިން ބުނެއެވެ. އޭގެއިތުރަށް، ކުރިން އެއް ފަހަރާ ގެންނަ އަދަދަށްވުރެ ގިނައިން ބައެއް ބޯޓުތަކުން ކޮންޓެއިނަރު ގެނައުމުން ބަނދަރުގެ މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ބަނދަރުގެ ޖާގައިގެ ދަތިތަކަމާ ހެދި އުފެދުނު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުރިއެވެ. މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް ނަމަވެސް، އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓްގައި ނުގެނެވި ހުރި، 4000 އަށްވުރެ ކޮންޓެއިނަރު ރާއްޖެ ގެނެވިފައިވާކަން އެމްޕީއެލްއިން ހާމަކުރިއެވެ. މިހާރު މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓު ފަހަރުން ކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ދަތުރުތައް ކަމަށް އެ ކުންފުނިން ބުނެއެވެ. މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މި ވަގުތުން ވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ، ފިޔަވަޅުތައް އެޅުމަށް އެމްޕީއެލްއިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ. އެމްޕީއެލްއިން ބުނި ގޮތުގައި އޮޕަރޭޝަންސްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ފުރިހަމައަށް ހައްލުކުރެވޭނީ މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރެވިގެންނެވެ. އެ މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަކަން އެމްޕީއެލްއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ