ތާރީޚީ ކިޑްސަލް މުބާރާތް ފެށުން: ގައުމީ ފުޓްސަލް ޓީމުގެ ތަރިންނާއެކު އުފާވެރި ވަގުތުކޮޅެއް
ކްލަބް މޯލްޑިވްސް އިން މިއަހަރު އަލަށް ތައާރަފްކުރި ކުޑަކުދިންގެ ހާއްސަ ފުޓްސަލް މުބާރާތް، "ކްލަބް މޯލްޑިވްސް ކިޑްސަލް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މި ތާރީހީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރެހެންދި ޓާފް ފުޓްސަލް ދަނޑުގަ އެވެ. މި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މައިލޯ މޯލްޑިވްސްގެ ފަރާތުން ދިޝާން އެވެ. ރާއްޖޭގައި ފުޓްސަލްގެ ފޯރި ގަދަވެ، ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމަށް ކްލަބް މޯލްޑިވްސް އިން ފެށި މި މަޝްރޫއަކީ ފުޓްސަލްގެ ކުރިމަގަށް އެޅުނު ވަރަށް މުހިއްމު އަދި ބޭނުންތެރި ފިޔަވަޅެކެވެ. ކްލަބް މޯލްޑިވްސްގެ ކިޑްސަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮޓޯ: މާސްޓާ މި ހަރަކާތް އިތުރަށް ފުރިހަމަވެގެންދިޔައީ ބައިނަލްއަގުވާމީ މައިދާނުގައި ދާދިފަހުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން މި ރަސްމިއްޔާތުގައި ބައިވެރިވުމުންނެވެ. ގައުމީ ޓީމުގެ ކެޕްޓަން އިމްރާން (އިންމި) އާއި އެހެނިހެން ކުޅުންތެރިން ވަނީ ދަނޑުމަތީގައި އެމީހުންގެ ހާއްސަ ހުނަރުތައް ދައްކާލައި، މުބާރާތުގައި ވާދަކުރާ ކުދިންނަށް ބޮޑު ހިތްވަރެއްދީފައެވެ. މި ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ގައުމީ ޓީމުން ހޯދި ރަން މެޑަލްގެ ތައްޓާއެކު، މިއަހަރުގެ ކިޑްސަލް މުބާރާތުގެ ރަސްމީ ޓްރޮފީ އާންމުންނަށް ދައްކާލުމެވެ. މި ހަރަކާތުގައި މުބާރާތުގައި ބައިވެރިވާ 10 ޓީމުގެ ތެރެއިން 7 ޓީމިުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ވެސް ބައިވެރިވިއެވެ. ކްލަބް މޯލްޑިވްސްގެ ކިޑްސަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮޓޯ: މާސްޓާ މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ކްލަބް ވެލެންސިއާ، ބީޖީ ސްޕޯޓްސް، ސްޓާސް އެކަޑެމީ، އެލީޓް އެކެޑަމީ އަދި ވިލިމާލެ ޔުނައިޓެޑެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ޔޫތު ސްޕޯޓްސް އެކަޑަމީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، އެސްޕަޔާ އެކެޑަމީ، އެޑްވެންޗާ އެކެޑަމީ އަދި ބިސްބުރު ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އާދީއްތަ ދުވަހުގެ ރެ އެވެ. ކްލަބް މޯލްޑިވްސް އިން މިއަހަރު ޖުމްލަ ހަތް މުބާރާތެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، "ކިޑްސަލް" އަކީ އޭގެ ތެރެއިން އެންމެ ހާއްސަ އެއް މުބާރާތެވެ. ކްލަބް މޯލްޑިވްސްގެ ކިޑްސަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮޓޯ: މާސްޓާ މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ މެދުގައި ފުޓްސަލްގެ ހުނަރުތައް ތަރައްގީކޮށް، މުސްތަގުބަލުގައި ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ތަރިން އުފެއްދުމުގެ ބިންގާ އެޅުމެވެ. މިހާރު ކުރިއަށްދާ ކިންގްސް ކަޕުގެ ގްރޫޕް ސްޓޭޖު މެޗުތަކާއެކު، މިއަހަރަކީ ކްލަބް މޯލްޑިވްސްގެ ފުޓްސަލް ކަލަންޑަރު އެންމެ ފޯރިގަދަކޮށް ފެނިގެންދާނެ އެއް އަހަރެވެ. ކްލަބް މޯލްޑިވްސްގެ ކިޑްސަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- މިއަހަރުގެ ކްލަބް މޯލްޑިވްސްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗުތައް ސަން ޕްލޭއާއި އެސްއެސްޓީވީ އަދި އެސްއެސްޓީވީ ފޭސްބުކް މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކިޑްސަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރެވެ. މެޗުތައް ސަން ޕްލޭއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ