ރައީސް ހުވާ ކުރާ ދުވަހު ނަޝީދުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ: ޑރ.އަހުމަދު އަބްދުﷲ ދީދީ

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ދުވަހާއި އެދުވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މިފަދައިން ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ އެބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އެ ބޭފުޅާ ވިދާޅުވެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ޤާނޫނީ ހުވާކުރުން މި މަހު 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބޭއްވުމަކީ ދައުލަތުގެ މައްޗަށް އަދާކުރުން ލާޒިމުވެގެންވާ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށާއި ބުނެވުނު ޤާނޫނީ ހުވައިގެ މައްސަލަޔަކީ މަޖިލީހުގެ ޖަލްސާޔަކަށް ހުށަހަޅައި، މަޖިލީހުގައި ބަޙުޘުކުރެވި، ވޯޓަށް އަހައި މަޖިލީހުން ގޮތެއް ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ދެކިނުލައްވާ ކަމަށެވެ.
Advertisement
"މަޖިލީހުގެ ޤަވާޢިދުގެ 205 ގެ (ރ) އޭގެ މައްޗަށް ތަޠުބީޤުކުރެވޭ ބާވަތުގެ މައްސަލަތަކުގެ މައްޗަށްވެސް، އެ މާއްދާގެ އެ އަކުރު ތަޠުބީޤު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި، 88 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މަޖިލީހުގެ ޤަވާޢިދުގެ 205 ގެ (ބ) ނުވަތަ 44 ވަނަ މާއްދާ ގެ ދަށުން ބޭއްވޭ ޖަލްސާޔަކަށް ހުށަހެޅުމަށްފަހު ކަން ވަރަށް ސާފު."
ޑރ.އަހްމަދު އަބްދުﷲ ދީދީ
މީގެ އިތުރުންވެސް  ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އައުލަވިއްޔާތު ނުވަތަ “ޕްރަޔޮރިޓީސް” ޙިމާޔަތްކޮށް ނެގެހެއްޓުމަކީ، ސިޔާދަތުގެ އެންމެ އިސްވެރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި މިމަހު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކިލަބުކުރުމަށް އެއްވެސް ފަރުދެއް ވިއަސް އަދި ޖަމާޢަތެއްގެވެސް ވިސްނުން ހުރެގެން ނުވާނެ ކަމަށް ޑރ.އަހްމަދު އަބްދުﷲ ދީދީ ގޮވާލެއްވިއެވެ.
ޑރ.އަހްމަދު އަބްދުﷲ ދީދީ މިމޭރުމުން ވާހަކަ ފުޅު ދައްކަވާފައި މިވަނީ ރައީސް ހުވާ ކުރާ ދުވަހާއި އެއް ދުވަހަކަށް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭކަމަށް އެމްޑީޕީން ބުނުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ