މަކަރާ ހީލަތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދިއުމަށް ދިން ހުއްދައިގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމައިފިއެވެ.
އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށްފަހު މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުން ކްރިމިނަލް ކޯޓުން އޭނާއަށް ފުރުމުގެ ހުއްދަ ދީފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. މިމައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްއިތުނާފު ކުރުމުން, ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން މައްސަލަ ނިންމަވާފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ، މައްސަލައިގައި ހައިކޯޓުގެ ނިންމެވުމާމެދު އެއޮފީހުން ހިތްހަމަ ނުޖެހޭތީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެކަމަށެވެ.
އައްމަޓީގެގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައި އޮތީ ހައެއް ޑިސެންބަރުން ފެށިގެން 25 ޑިސެންބަރުގެ ނިޔަލަށެވެ. އެހެންކަމުން މި މައްސަލަ ހައިކޯޓުން ނިންމިއިރު، އޭނަގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލުމަށް ނިންމި މުއްދަތު އޮތީ ހަމަވެފައެވެ. ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ހައިކޯޓުން ނިންމީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވަނިކޮށް މައްމަޓީގެ ޕާސްޕޯޓް އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ. ނަމަވެސް ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދިޔުމަށް ކްރިމިނަލް ކޯޓުގައި އެދިފައިިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 2021 ވަނަ އަހަރުގެ ޖޫންމަހުގެ 16 ވަަނަ ދުވަހުވަނީ ޝަރީޢަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.
އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
އައްމަޓީ ފުރަން ދިން ހުއްދައިގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ