ފޭސްބުކް އެކައުންޓް ހެކްކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަނީ

ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން ދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެ ބޭންކުން ބުނީ ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް'ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް މެސެޖްކޮށް، ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި މި ގޮތަށް އެދޭ ފަރާތަކަށް ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް އެ ބޭންކުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން އީސިމް އެކްޓިވޭޓް ކުރުމަށް އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައްވެސް ހުށަހެޅުމުންދާކަން ބީއެމްއެލުން ފާހަގަކުރެއެވެ. މިގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބޭންކުން އިލްތިމާޒްކުރެއެވެ.
މީގެ އިތުރުން ޓެލެގްރާމް، ވައިބަ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމްވާ މައްސަލަތައްވެސް މި ފާއިތުވި ހަފްތާގައި ހުށަހަޅާފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ