ސައިރިކްސް އާއި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް ފައިނަލަށް

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލުގައި ސައިރިކްސް ކޮލެޖާއި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުން ވާދަކުރަންޖެހިއްޖެ އެވެ. "ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ"ގެ ނަމުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުން ސައިރިކްސް ކޮލެޖުން ޖާގައެއް ކަށަވަރުކުރީ އިއްޔެ ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ވާދަކޮށް 4-1ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެގޮތުން އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިރިކްސް ކޮލެޖަށް ދެ ލަނޑު ކާމިޔާބު ކޮށްދިން މުހައްމަދު އަމްޖާދު އެވެ. މިއީ އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާގައި ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުން ވާދަކުރާ ތިން ވަނަ ފަހަރެވެ. ގައުމީ ޔުނިވާސިޓީގެ 10 ފެކަލްޓީ އަކުންނާއި އަމިއްލަ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކުގެ ތެރެއިން 10 ސެންޓަރެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލަށް ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުން ދަތުރުކުރީ، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ވާދަކޮށް ކުރި ހޯދައިގެންނެވެ. ވާދަވެރިކުޅުމެއް ފެނިގެންދިޔަ އެ މެޗު ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ