އަންހެނަކަށް ކުރި މެސެޖުތަކެއްގެ މައްސަލާގައި ސިންގަޕޫރުގެ މިނިސްޓަރަކު އިސްތިއުފާދީފި

އަންހެނަކާ އެކު ބޭއްވި މުއާމަލާތްތަކެއް ބަލާތީ، ސިންގަޕޫރުގެ އެކްޓިން މިނިސްޓަރު-އިން-ޗާޖް އޮފް މުސްލިމް އެފެއާޒް ފައިޝަލް އިބްރާހީމް، ކެބިނެޓުންނާއި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ން އިސްތިއުފާދެއްވައިފި ކަމަށް ބޮޑުވަޒީރު ލޯރެންސް ވޮންގް މިއަދު އިއުލާނުކުރައްވައިފި އެވެ.
ވޮންގް ވިދާޅުވި ގޮތުގައި، އެ ދެ މީހުން މައިގަނޑު ގޮތެއްގައި ވާހަކަދައްކާފައިވަނީ އޮންލައިން މެސެޖުތަކުންނެވެ. އަދި ބައްދަލުވެފައި ވެސްވެ އެވެ.
ފަހުން ދެ މީހުން ވެސް އެކަކު އަނެކަކުގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް، ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ޖިނާއީ އެއްވެސް ކުށެއް ހިނގާފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި އިތުރު ފިޔަވަޅެއް ނާޅާނެ އެވެ.
ނަމަވެސް، ވޮންގް ވިދާޅުވީ އެސޯސިއޭޓް ޕްރޮފެސަރު ފައިޝަލްގެ އަމަލުތައް ހުރީ ސިޔާސީ މަގާމެއް ފުރައްވާ ބޭފުޅެއްގެ ކިބައިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ކިބައިން އުންމީދުކުރާ ފެންވަރުގައިތޯ ބެލުމުގެ ވަކި ސުވާލެއް އަދިވެސް އެބައޮތް ކަމަށެވެ.
ފައިޝަލްގެ އިސްތިއުފާގެ ސިޓީގައި، އެ މުޢާމަލާތްތައް މެނޭޖްކުރުމުގައި އޭނާގެ "ވިސްނުމުގެ ކުށެއް" އުޅޭ ކަމަށް އެއްބަސްވެވަޑައިގެންފައިވެ އެވެ.
"އަޅުގަނޑުމެންގެ ދެމެދުގައި އެއްވެސް ގުޅުމެއް ހިނގާފައި ނުވި ނަމަވެސް، ކުރީކޮޅު ސާފު އިމެއް ކަނޑައެޅުމުގައި އަޅުގަނޑަށް ވަނީ ނުކުޅެދިފައި،" އޭނާ ވިދާޅުވި އެވެ.
ވޮންގް ވިދާޅުވީ މިފަދަ ހާލަތެއްގެ ދަށުން ފައިޝަލް ސިޔާސީ ދާއިރާ ދޫކޮށްލައްވަން ޖެހިވަޑައިގަތުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ. މި އިސްތިއުފާއަކީ ސިންގަޕޫރުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަންކުރަމުން އަންނަ ޕީޕަލްސް އެކްޝަން ޕާޓީއާ ގުޅުންހުރި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ