ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނަމަ، އަވައްޓެރި ގައުމުތަކަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބިދާނެ: އީރާން

އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން އޮޕަރޭޓިން ރިއެކްޓަރަކުން ރޭޑިއޯއެކްޓިވް މެޓީރިއަލް ދޫވުމުގެ ނުރައްކާ ކުރިމަތިވެ، މީހުންނާއި ތިމާވެށްޓާއި އަވައްޓެރި ގައުމުތަކަށް "އިއާދަ ނުކުރެވޭނެ ފަދަ ގެއްލުން" ލިބިދާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާންގެ ނިއުކްލިއާ ސެންޓަރުތަކަށް ހަމަލާ ދޭން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ، އައިއޭއީއޭއިން ހިތްވަރު ދޭ ކަމަށް އެ ގައުމުން ތުހުމަތުކުރެއެވެ. އީރާނުގެ އެޓޮމިކް އެނާޖީގެ ވެރިޔާ މުހައްމަދު އިސްލާމީ އައިއޭއީއޭގެ ޑިރެކްޓަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ⁠އީރާނުގެ ހަމައެކަނި މަސައްކަތްކުރާ ނިއުކްލިއާ އިންޖީނުގެ، ބުޝެހްްރަށް މިހާތަނަށް ހަތަރު ފަހަރު ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެ ސަރަހައްދަށް ދިން ހަމަލާގައި ސެކިއުރިޓީ މުވައްޒަފަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިސްލާމީ ވަނީ އެ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހަމަލާތަކެއް ކަމަށް ސިފަކޮށް، އެ އިދާރާއިން އެކަމަށް ފިޔަވަޅު ނާޅާ ހަމައެކަނި ކަންބޮޑުވުން ފާޅުކުރުމަކީ ފުދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން ހަތަރު ފަހަރަށް ހަމަލާ އަމާޒުވެފައިވާ ބުޝެހްރު ނިއުކްލިއާ ސެންޓަރަށް އެންމެ ފަހުން ހަމަލާދީފައި ވަނީ ހޮނިހިރު ދުވަހެވެ. އެ ހަމަލާގައި ސެކިއުރިޓީ ގާޑެއް މަރުވެ، އިމާރާތަށް ގެއްލުން ލިބިފައިވެއެވެ. ނިއުކްލިއާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެކަމުގެ ސަބަބުން އީރާނުގެ އިތުރުން އަވައްޓެރި އެހެން ގައުމުތަކަށް ވެސް ގެއްލުން ލިބޭނެއެވެ. އޭގެ ސަބަބުން މުޅި ގަލްފް ސަރަހައްދުގެ ފެން ތަޣައްޔަރު ވެދާނެކަމުގެ ބިރު ވެސް އެބައޮތެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް އަސަރުކުރާނެ ކަމަށާއި ގަލްފުގެ ފަށަލަ ކުޑަކަމުން އޭގެ ނޭދެވޭ އަސަރުތައް ދިގު މުއްދަތަކަށް ދެމި އޮންނާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ބޯފެން ފޯރުކޮށްދިނުމަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަލްފްގެ ގިނަ ގައުމުތަކުގައި ބިމުން ފެން ނެގޭނެ ގޮތް ނެތުމުން ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ކަނޑުން ނަގާ ފެން ޑީސެލިނޭޓް ކުރުމަށެވެ. ނަމަވެސް ޑީސެލިނޭޝަން ޕްލާންޓްތަކަކީ އޭގެ ޒާތުގައި ރޭޑިއޯއެކްޓިވް މެޓީރިއަލް ފިލްޓާ ކުރުމަށް ހަދާފައިވާ ޕްލާންޓްތަކެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޝިޔާއިން ހަދާފައިވާ ބުޝެހްރު ޕްލާންޓަކީ 250،000 މީހުންގެ އާބާދީއެއް އޮންނަ އީރާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ބުޝެހްރުގައި ހުންނަ ނިއުކްލިއާ މަރުކަޒެކެވެ. އެ މަރުކަޒުގެ މަސައްކަތް ފުރަތަމަ ފެށީ 1975 ވަނަ އަހަރު ޖަރުމަނުގެ ކުންފުނިތަކުން ނަމަވެސް އެންމެ ފަހުން ނިންމާލީ 2011 ވަނަ އަހަރު ރަޝިޔާގެ އެޓޮމިކް އެނާޖީ މިނިސްޓްރީންނެވެ. މިއަދާ ހަމައަށް ރަޝިޔާގެ އެތައް ސަތޭކަ ބަޔަކު ބުޝެހްރުގައި ތިބިއިރު، ދާދި ފަހުން ދިން ހަމަލާތަކާ ގުޅިގެން ބައެއް މީހުން ވަނީ އެތަން ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ