ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މަގުމަތީ ހަރާތުގެ ތެރެއިން މާލޭ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާއާ ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި އެކަން ފުލުހުން އިސްނަގައިގެން ބަލަމުން އަންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިހާރު ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި ހަރަކާތުގައި އާޒިމް ބައިވެރިވެވަޑައިގަތެވެ. ވަގުތުން ދުރަށް ދައްކަމުންދިޔަ އެ އެއްވުމުގައި އާޒިމަށް މީހަކު ހަމަލާދެނީ، ހަރަކާތުގެ ބައިވެރިންނާ އެކު ކުރީ ސަފުގައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.
ކުރިމަތިން ހިނގާފައި އައި މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަން ފެނެ އެވެ. އެއާ އެކު އާޒިމް އަރިހުގައި ތިބި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭތަން ވެސް ފެނެ އެވެ. އެ ހަމަލާއަށް ފަހު އާޒިމް ވަނީ ރޭ އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފަ އެވެ.
އާޒިމް ތުހުމަތުކުރައްވަނީ އެއީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރޭގެ މުޒާހަރާ ތެރެއިން އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސް މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާ ކަމަށެވެ.
އެކަމަކު އެއީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް އާޒިމް ވިދާޅުވާތީ ހައިރާންވާ ކަމަށާއި އެހެން ވިދާޅުވަނީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށްް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ.
"މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވަން. އާޒިމް ވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއް. މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް،" ތަރުޖަމާން ވިދާޅުވި އެވެ.
އެއަށް ފަހު އެ ބަޔާނުގައި ބުނީ:
މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައި ވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން
މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާ
މި ހާދިސާ ހިނގާ ދިޔަ ފަހުން އެމްޑީޕީގެ ފަރާތުން ނުވަތަ މާލެ ކައުންސިލުން ވެސް މިކަން ފުލުހުންނަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވި
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވިދާޅުވި
މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މޭޔަރަކީ ދައުލަތުގައި އެ މަނިކުފާނުގެ ހައިސިއްޔަތުގެ ތެރެއިން، އެދިވަޑައިގެންފި ނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހަދަމުންގެންދާ ކަމަށެވެ.
މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް ފަރާތަކަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިއްޖެ ނަމަ ފުލުހުން އިސްވެ އެބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދޭންވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އާޒިމަށް ދިން ހަމަލާއާ ސަރުކާރާ ގުޅުމެއް ނެތް، އެ މައްސަލަ ދަނީ ބަލަމުން: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ