ބޭނުންވާ އަދަދަށް ރަޖިސްޓްރީ ނުވުމުގެ ސަބަބުން މިހާރު ނުބަހައްޓަން ނިންމި ވޯޓު ފޮށިތަކަށް ރަޖިސްޓްރީވެފައިވާ މީހުން، އެހެން ތަނަކަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ. އޭގެ އިތުރުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނަށް ވެސް އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އެ ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.
ވީ ކިހިނެއް؟ - އީސީން މީގެ ކުރިން އާންމުކޮށްފައިވާ ގޮތުން ސްރީ ލަންކާ އާއި މެލޭޝިއާގައި ބަހައްޓަން ނިންމި ދެ ފޮއްޓާއެކު ރާއްޖޭގައި 600އެއްހާ ވޯޓު ފޮށި ކުރިއަށް ކައުންސިލް އިންތިހާބުގައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް އޭގެ ތެރެއިން ލަންކާ އަދި މެލޭޝިއާ ހިމެނޭހެން ބައެއް ރިސޯޓުތަކުގައި ވޯޓު ފޮއްޓެއް ބެހެއްޓޭ އަދަދަށް ރަޖިސްޓްރީވެފައި ނުވާތީ، އެ ތަންތަނުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ކޮމިޝަން މިއަދު ވަނީ ނިންމާފަ އެވެ.
ތަފްސީލު - އީސީން މިއަދު ކުރި އިއުލާންގައިވާ ގޮތުން، ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނަކީ:
28: ރިސޯޓު
3: ސިނާއީ މަސައްކަތް ކުރާ ތަންތަން
2: ރާއްޖެއިން ބޭރު (ސްރީ ލަންކާ އަދި މެލޭޝިއާ)
"ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އަދަދު ކަނޑައެޅިފައިވާ އަދަދަށް ވުރެ މަދުވުމުން މި ވޯޓު ފޮށިތައް ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ،" އީސީގެ އިއުލާންގައި ބުނެފައިވެ އެވެ.
އެއާއެކު އީސީން އެދުނީ، އެ ތަންތަންނަށް މިހާރު ރަޖިސްޓްރީވި މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިއުލާނު ކޮށް، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީވުމަށެވެ. އެގޮތުން:
ރަޖިސްޓްރީވުމަށް ހުޅުވާލީ މިރޭ 8އިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30އަށް
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މިއަދު ގެޒެޓް ކުރި އިއުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި
އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފި ނަމަ އެ މީހަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށަށް
އީސީން ބުނީ، މި މުއްދަތު ތެރޭގައި ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނަށް ވެސް އެހެން ތަނަކަށް ރީ-ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. އަދި އެ ގޮތަށް ސިއްރުކަން ގެއްލޭ ވޯޓު ލެވޭ މީހުންގެ ލިސްޓު ވެސް އެ އިއުލާނާ އެކު ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި 5،000އަށްވުރެ ގިނަ މީހުން ހިމެނެ އެވެ. ވޯޓުގެ ސިއްރުކަން ގެއްލެނީ، އެ މީހަކު ރީ-ރަޖިސްޓްރީވި ފޮއްޓަކަށް އެ ދާއިރާއެއްގެ ވޯޓު ލެވޭ އެކަކަށްވުރެ މަދުން ރަޖިސްޓްރީވުމުންނެވެ.
ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އީސީގެ 'ރީ-ރަޖިސްޓްރީޓޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް
އެ ފޯމު ހުށަހަޅާއިރު، ރަޖިސްޓްރީވުމަށް އެދޭ މީހާގެ، ވޯޓުލުމަށް ބޭނުން ކުރެވޭ، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ
'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ، ހަމައެކަނި ވޭރިފައިޑް އީފާސް އެކައުންޓަކުން؛ އެގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ
އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ އީސީގެ ހޮޓްލައިން 1414އަށް ގުޅުއްވާ
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް [VR space IDNo] ޖެހުމަށް ފަހު، 1414އަށް މެސެޖްކުރުމުން ބަލާލެވޭނެ އެވެ. އޭގެ އިތުރުން ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ބަލާލެވޭނެ އެވެ.
އެނގުން މުހިންމު - އަންނަ 4 އޭޕްރީލްގައި ބާއްވާ މި އިންތިހާބުގައި 295،000އެއްހާ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުުރުމުގެ އިތުރުން، މި އިންތިހާބުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގާނެ އެވެ.
ވޯޓު ފޮށި ނުބަހައްޓާ ތަންތަނަށް ރަޖިސްޓްރީވި މީހުން ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ