މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް ފަރުވާ ދެނީ

މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އަމީނީމަގު، ބިލަބޮންގް ސްކޫލް ކައިރީ މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 11:35ހާއިރު އެވެ.
ތަފްސީލު - މަންޒަރު ދުށް މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި:
އެކްސިޑެންޓު ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެން
ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ
"ލަސްވާތީވެ، އަވަހަށް ހޮސްޕިޓަލަށް ގެންދިޔުމަށް އެކަކު ޕިކަޕްއަށް ލައިގެން ގެންދިޔައީ. އަނެއް މީހާ ސްޓްރެޗަރަށް އަރުވައިގެން ގެންދިޔައީ އެމްބިއުލާންސްގައި،" އެ ސަރަހައްދުގައި އެވަގުތު ހުރި އެ މީހާ ސީންގައި ހުރެގެން ބުންޏެވެ.
މި އެކްސިޑެޓާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރޯދަ މަސް ފެށުނު ފަހުން މާލޭގައި ގިނަ އަދަދަކަށް އެކްސިޑެންޓު ދަނީ ހިނގަމުންނެވެ. އެގޮތުން، މިއަދު ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ޖުމްލަ 41 އެކްސިޑެންޓެއް މާލޭ، ސިނާމާލެ ބްރިޖު އަދި ހައިވޭގައި ހިނގާފައިވެ އެވެ. އެގޮތުން:
އޭގެ ތެރެއިން ރޯދަ މަހުގެ ފުރަތަމަ ހަތަރު ދުވަހު 21 އެކްސިޑެންޓެއް ހިނގާފައިވޭ
އެންމެ ގިނަ އަދަދަކަށް އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު؛ އެ ދުވަހު އެކަނި 11 އެކްސިޑެންޓެއް ހިނގާފައިވޭ
މާލޭގައި 36 އެކްސިޑެންޓު އަދި ހައިވޭފައި 5 އެކްސިޑެންޓު ހިނގާފައިވޭ
އެންމެ ގިނަ އަދަދަކަށް އެކްސިޑެންޓުންވީ ސައިކަލާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ