ވައި ނުސާފުވާ މައްސަލާގައި ގައުމުތަކާ އެކު މަޝްވަރާ ކުރުމުގައި ދެމިއޮންނާނަން: ފޮރިން މިނިސްޓްރީ

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ، ތަގައްޔަރުވުމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ސަރުކާރުން މަޝްވަރާކުރުމުގައި ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކު، އިންޑިއާގެ ވައިގެ ތަގައްޔަރުކަމުގެ އަސަރު ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ފޯރަ އެވެ. އެއާ އެކު، ސިއްހީ ގިނަ މަައްސަލަތައް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުންތައް އޮވެ އެވެ.
ތަފްސީލް - ސީޒަނަލް ހޭޒް ނުވަތަ މޫސުމީ ދުންފުހުގެ އަސަރުތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޭޒްގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަކީ ގައުމީ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ.
ހާއްސަކޮށް އާންމު ސިއްހަތަށާއި ތިމާވެއްޓަށް އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް މީގެ ނުރައްކާ ބޮޑުކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ މި ހާލަތާ މެދު އާންމުންގެ ހުރި ކަންބޮޑުުވުންތަކަށް ސަރުކާރުން ރިއާޔަތްކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ:
ތިމާވެށީގެ ގޮންޖެހުންތަކަށް ކެތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ސަރުކާރުން ދެމިއޮންނާނެ
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ރާއްޖެއިން އަބަދު ވެސް ވަކާލާތުކޮށް އެކަމަށް އިސްކަންދޭނެ
މިހާރު ރާއްޖެއިން ތަޖުރިބާކުރަމުންދާ ދުންފިނީގެ ހާލަތާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާއި ބޯޑަރު ހުރަސްކޮށް އަންނަ ވައިގެ ތަގައްޔަރުކަމަށް ދިގު މުއްދަތަކަށް ހުށަހެޅުމަކީ އާންމު ސިއްހަތަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ޖައްވީ ހާލަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.
މޫސުމީ ގޮތުން ވައި ހުންނަ ގޮތާއި ސަރަހައްދީ ފެންވަރުގައި ޖައްވަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން މިފަދަ ގެއްލުންހުރި މާއްދާތައް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އުފެދިފައިވާ ގޮތުން ގައުމުގެ ބޯޑަރުން ބޭރުން އަންނަ ތިމާވެށީގެ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިތުރު ކަމަށެވެ.
ބޯޑަރު ހުރަސްކޮށް އަންނަ ވައިގެ ތަގައްޔަރުކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސައިންޓިފިކް ގޮތުން ގުޅިގެން މަސައްކަތްކޮށް، އެކަމާ ގުޅޭ މައުލޫމާތު ބަދަލުކުރުމާއި ވައި ތަގައްޔަރުވުމާ ގުޅޭ މަޝްވަރާތަކުގެ ޒަރީއާއިން މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފާހަގަ ކުރެވޭ - ދުންފުހުގެ އަސަރު ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް ރިޕޯޓުކުރަމުންދާ ކަމަށް މެޓުން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ