މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރަން އެއްބަސްވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރި މަޝްވަރާތަކުގެ ތެރެއިން އޭޕްރިލް 26، ގައި އަބޫދާބީ ފަންޑަށް އަނބުރާ ދައްކަން ޖެހޭ ބޮންޑު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ފަސް އަހަރު އިތުރުކުރަން އެއްބަސްވެފައިވާ ކަމަށެވެ. ދެން މި ލޯނު އަނބުރާ ދައްކަން ޖެހޭނީ 2031 ގައި އެވެ.
"އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 26 އޭޕްރިލް 2018 ގައި، އޭރުގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު، މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ރޯލްއޯވާކޮށް، މެޗުއަރިޓީގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމުގެ ޓާމްސްތަކަށް ވަނީ އެއްބަސްވެފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ ފައިސާ ރޯލްއޯވާ ކުރުމާއެކީ، މި އަހަރުގެ އޭޕްރިލްގައި ދައްކަން ޖެހޭ ދަރަނީގެ 600 މިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަނީގެ އަދަދުން 100 މިލިއަން ޑޮލަރު މަދުވާނެ އެވެ. މިހާރު އެ މަހުގައި އަނބުރާ ދައްކަން ޖެހޭނީ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ޕްރިންސިޕަލްއަށް ދައްކަން ޖެހޭ ފައިސާ އާއި އެންމެ ފަހުގެ ކޫޕަން ޕޭމަންޓެވެ.
ރިޔާސީ ބަޔާނުގައި މުއިއްޒު ވަނީ ސުކޫކު ދައްކަން ސަރުކާރުން ގެންގުޅޭ ޕްލޭނުގެ ބައެއް ތަފުސީލުތައް ވެސް ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން ދެއްކުމަށް ފަހު، ބާކީ ރީފައިނޭންސް ކުރާނީ ކަމަށެވެ.
އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރަން އެއްބަސްވެއްޖެ އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރަން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ