ސަރުކާރު ކުންފުނިތަކުން ތަރައްގީކުރާ ރިސޯޓުތަކުން ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދޭން ކެބިނެޓުން ފާސްކުރިކަން ރައީސް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ބުނީ ކީކޭ؟ - އެ ރިސޯޓުތައް ތަރައްގީކުރަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގަ އެވެ. އެހެންކަމުން ރައީސް އަންދާޒާ ކުރައްވަނީ، އެ އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އިން ފެށިގެން ކަމަށެވެ.
"ހިސާބު ހަދާލާއިރު އެވަރޭޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކު މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރިސޯޓުތަކުގެ ފައިދާ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަކަމާ އެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އެނގުން މުހިންމު - ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، މިދިޔަ ޑިސެމްބަރުގައި ވަނީ ފާސްކޮށްފަ އެވެ.
އެސްއޯއީ ރިިސޯޓުތަކުން ކޮންމެ ދިވެއްސަކަށް މަދުވެގެން އަހަރަކު 400 ޑޮލަރު ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ