ހުރިހާ ބާވަތެއްގެ ތެރަޕީއަށް ހާއްސަކޮށް ސަރުކާރުގެ ތެރަޕީ ސެންޓަރެއް ހުޅުމާލޭގައި ގާއިމުކުރަނީ

ހުރިހާ ބާވަތެއްގެ ތެރަޕީއެއް އެއް ތަނަކުން ލިބޭ ގޮތަށް، 'ނެޝަނަލް ޑިސްއެބިލިޓީ ސާވިސް އެންޑް ތެރަޕީ ސެންޓަރު'ގެ ނަމުގައި ސަރުކާރުގެ ހާއްސަ ސެންޓަރެއް ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި މިކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ، އެ ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ.
"ހުޅުމާލޭގައި ނެޝަނަލް ޑިސްއެބިލިޓީ ސާވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތް ލިބޭ ސްޓޭޓް އޮފް ދަ އާޓް ތެރަޕީ ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭގައި ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ:
އެ މަސައްކަތާ އެކުއެކީގައި މި ސެންޓަރުގެ ގޮފިތައް އެހެން ރަށްތަކުގައި ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށާނެ
މި ސެންޓަރުތައް ގާއިމުކުރެވުމުން މިހާރު ތެރެޕީއަށް ހިނގާ ހަރަދުތައް އާސަންދައިން ކަވާކުރާ ގޮތަށް އޮންނަ އޮތުން މުރާޖައާކުރާނެ
އެއަށް ފަހު، އެ މަރުކަޒުތަކުން ދޭ ހިދުމަތްތައް ހިލޭ ލިބޭގޮތައް ހަދަން އާސަންދައިން ވަކި އިންސައްތައެއް ހަރަދުކުރާގޮތަށް ހަމަޖައްސާނަން
"މި ސެންޓަރުތައް ގާއިމުކުރެވުމުން ތެރަޕީގެ ހިދުމަތައް ހިނގާ ހުރިހާ ހަރަދެއް މިއަހަރުގެ ޖެނުއަރީ 1 ފެށިގެން އާސަންދައިން ދޭ ގޮތަށް އޮތްއޮތުން މުރާޖައާކޮށް އެ ހަރަދުން ވަކި އިންސައްތައެއް މި މަރުކަޒުތަކުން މި ހުރިހާ ހިދުުމަތެއް އެންމެ ފެންވަރު ރަނގަޅުކޮށް ހިލޭ ލިބިގެން ދިއުމަށް ހޭދަކުރާގޮތަށް ހަމަޖައްސާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއިން އެންމެ ގިނައިން މީހުން ހިދުމަތް ހޯދާ އެކަމަކު އިންސާނީ ވަސީލަތްތައް ނެތް ދާއިރާއެއްގެ ގޮތުގައި އެކިކަހަލަ ތެރަޕީތައް ހިމެނޭ ކަމަށެވެ. އެހެންކަމުން، ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ގައުމީ މަޝްރޫއެއް މިއަހަރުގެ މާޗުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން:
އެ ދާއިރާއިން ރާއްޖޭގައި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭން ކޯސްތަކެއް ފަށާނެ
އެ ޕްރޮގްރާމުގެ ދަށުން 250 ދިވެހި ތެރަޕިސްޓުން އުފައްދާނެ 
އެ ކޯސްތަކުން ދަސްވެނިވާ ކުދިންނާއެކު ވަޒީފާގެ އެއްބަސްވުމެއް ހަދައި ވަޒީފާއަށް ނެރޭނެ
މީގެ އިތުރުން، ތެރަޕީ ހިދުމަތް ލިބުމުގައި އޮތް ދަތިތައް މިހާރުން މިހާރަށް ކުޑަކުރަން ކުރިއަށް އޮތް ހަ މަސްދުވަސް ތެރޭ ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ