މިއަދު ފަށާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ގަދަ 16 ބުރަށް ކުރިމަތިލާއިރު، ތ. ތިމަރަފުށީ ޓީމުން ކުރިއެރުން ފެންނަ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) ބުނެފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ތިމަރަފުށިން މި ފަހަރު ކޯޗަކަށް ގެނައީ ލ. ގަމަށް މި މުބާރާތުގެ ތަށި ހޯދައިދިން ކޯޗު އިއްސެ އެވެ.
އިއްސެގެ ކޯޗުކަމުގައި ތިމަރަފުށިން ވަނީ، މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ތަށްޓާއި ޒޯން ތަށި ހޯދައިފަ އެވެ.
ނޮކައުޓް ބުރަށް ތިމަރަފުށި ގޮވައިގެން ނުކުތުމުގެ ކުރިން ޒޯން ފައިނަލުގައި އިސްދޫ އަތުން މޮޅުވި މެޗަށް ފަހު އިއްސެ ބުނީ، މި ފަހަރުގެ ގަދަ 16 ކުރިއަށް ވުރެން އުނދަގޫވާނެ ކަމަށެވެ.
"މިދިޔަ އަހަރަށް ވުރެން ކޮންމެ ގޮތެއް ވިޔަސް ޓަފްވާނެ. އެއީ ހަމަ، ޔަގީންވާ ކަމެއް. އެއް ސަބަބަކީ، ދެން ހަމަ ޓަފް ވަމުން ދާނީ، ގައުމީ ޓީމުގެ ޕްލޭޔަރުން މީގެ ތެރެއަށް އައުމާއި ދެން ރަނގަޅަށް ތައްޔާރުވި ޓީމުތައް އެބައޮތް ބައިވަރު، އެެހެންވީމަ ވަރުގަދަވާނެ ކަމަށް މި ބަލަނީ،" އިއްސެ ބުންޏެވެ.
"ތިމަރަފުށި، އަސްލު ރަނގަޅު ކުރެވުނު ވަރަށް ގިނަ ކަންތައް، އެއީ ކުޅުމުގެ ވައްޓަފާޅި އަށް ވެސް ބަދަލު ގެނެވުނު، ދެން ހަމަ ފިޒިކަލީ ވެސް ހަމަ ހިތްހަމަޖެހޭ ވަރަކަށް ޕްރެޕެއާ ކުރެވިފައި މި ހުރި، ދެން، ހަމަ ޓެކްޓިކަލީ އަދި ހަމަ އެންމެ ރަނގަޅުނުވިޔަސް އިމްޕްރޫވްމަންޓްތައް ލިބެމުންދަނީ ހަމަ،"
އެހެން ޓީމުތަކެކޭ އެއްގޮތަށް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާކަން އިއްސެ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"މިހާރު އުޅޭ އެންމެ ދެރަ މައްސަލަ އަކީ، ޓައިމް މި އިން ގޮތުން، ޓޭބަލްތައް (ޝެޑިއުލް) އިން ގޮތުން، އަސްލު ރިކަވާނުކުރެވި މެޗުތަކަށް ފޭސްކުރަން ޖެހިގެން (ނުކުންނަން ޖެހިގެން) ބައެއް ކުދިކުދި އިންޖަރީތައް އެބަހުރި ޕްލޭޔަރުންގެ، އަނެއްކާ ވަރުބަލިކޮށް ޓީމު މި ވަގުތު އޮތީ ވެސް،" އިއްސެ ބުންޏެވެ.
ގަދަ 16 ބުރުގައި މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކާށިދޫ އަތުން ކެޓި ތިމަރަފުށި މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ނޮކައުޓް މެޗުގައި ކުޅޭނީ މުޅިން އަލަށް ނޮކައުޓުގައި ވާދަކުރާ، ހއ. މާރަންދޫއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ، 21:30 ގަ އެވެ.
ގަދަ 16 ބުރުގެ މެޗުތައް:
16:00: ރ. ދުވާފަރު - ސ. ހިތަދޫ
16:00: ބ. އޭދަފުށި - މާލެ، މައްޗަންގޯޅި
20:00: ހދ. ނައިވާދޫ - މ. ދިއްގަރު
20:00: އއ. މަތިވެރި - ލ. އިސްދޫ
21:30: ތ. ތިމަރަފުށި - ހއ. މާރަންދޫ
21:30: ގއ. ދެއްވަދޫ - ވ. ކެޔޮދޫ
22:45: ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު
22:45: ކ. ގާފަރު - މާލެ، ވިލިމާލެ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 އަށް ނުކުންނައިރު ތިމަރަފުށީގެ ކުރިއެރުން އިއްސެ އަށް ފެނޭ ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 އަށް ނުކުންނައިރު ތިމަރަފުށީގެ ކުރިއެރުން އިއްސެ އަށް ފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ