ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 'ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯ'ގެ ނަމުގައި އޮފީހެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ޝަކުވާ އަޑުއަހައިގެން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.
ތަފްސީލް - ރައީސް އޮފީހުގައި ގާއިމްކުރާ ޝަކުވާ ބަލާ އޮފީހަކީ، ރައީސް ވިދާޅުވި ގޮތުގައި، 24 ގަޑިއިރު މަސައްކަތްކުރާނެ ތަނެކެވެ.
މި ބިޔުރޯގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ:
ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިން އަދި ފޯނާއި ސޯޝަލް މީޑިއާ ފަދަ ޕްލެޓުފޯމުތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުން
އެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ އެ ޝަކުވާތަކަށް ޖަވާބު ދިނުން
"މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމްކުރެވިގެންދާނެ. އެކިއެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތައް މި ސިސްޓަމްގެ ތެރެއިން ރެކޯޑުކޮށް، ކޮންމެ ޝަކުވާއަކަށް ވަކިވަކިން ޓިކެޓު ރެއިޒްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށްދާ ގޮތް ސިސްޓަމުގެ ތެރެއިން ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ބިޔުރޯގެ ބަޔެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ވެސް ގާއިމް ކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖުކޮށް އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާގޮތަށް ހަމަޖައްސާ، ސަރުކާރިގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ހުރިހާ ޝަކުވާތަކެއް އެއްތަނަކުން މެނޭޖުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާމެދު އެތަންތަނުން އަމަލުކޮށް، ޖަވާބުދޭގޮތް މޮނިޓާކޮށް އެތަންތަން ޒިންމާދާރުކުރުވާ ތަނެއްގެ ގޮތުގައި ވެސް އެ ބިޔުރޯ އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެތަނަށް މުވައްޒަފުން ހޯދާނީ، ރައީސް ވިދާޅުވި ގޮތުގައި، ރައީސް އޮފީހާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށް، ކަމާ ގުޅޭ ތަމްރީނު ދީގެން ކަމަށެވެ.
"މި އިދާރާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 5 މަހުގެ ތެރޭގައި ގާއިމުކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ޝަކުވާތައް ހުށަހަޅާނެ އޮފީހެއް އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ