ރިޔާސީ ބަޔާން 2026: ޤައުމިއްޔަތުގެ ތަނބުތައް ހިމާޔަތްކުރެއްވުމަކީ ކުޑަވެސް ވަރުބަލިކަމެއް ނެތި އުފަލާއެކީ އުފުއްލަވަމުން ގެންދަވާނޭ ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެއްޖެ

ޤައުމިއްޔަތުގެ ތަނބުތައް ހިމާޔަތްކުރެއްވުމަކީ ކުޑަވެސް ވަރުބަލިކަމެއް ނެތި އުފަލާއެކީ އުފުއްލަވަމުން ގެންދަވާނޭ ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހި ޤައުމިއްޔަތާއި ތަރިކައިގެ ދާއިރާއިން މި ސަރުކާރުން ކުރައްވާ މަސައްކަތްތަކާމެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހީންގެ ޘަޤާފީ މިނިވަންކަމާއި، ރާއްޖޭގެ ރަށްތަކާއި މި މާކަނޑަކީ ދިވެހީންގެ ތަންތަންކަމުގެ ހެކިލިބިދޭ އެންމެ ސާބިތު ބާރަކީ، ދިވެހި ބަހާއި ދިވެހި ޘަޤާފަތާއި ދިވެހި ތަރިކަކަމުގައިވާތީކަމަށެވެ.
ދާއިރާއިން ރާއްވާވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ނެތެމުންދާ ޘަޤާފަތާއި ފަންނުތައް ދިރުވައި އާލާކުރެއްވުމުގެ މަޤުޞަދުގައި، ތުނޑުކުނާ ވިޔުމަށް، ތިލޭރުކަމަށް، ސާންތިވިޔުމަށް، މާވަޑިކަމަށް، ލިޔެލާޖެހުމަށް، ކަސަބުގެތުމަށް، ފޭލިވިޔުމަށް، އަދި ފަނާއި ރުކުފަތިން އަދި ސަޓާއިން ތަކެތި ވިޔުމުގެ ޤައުމީ ސަނަދުގެ ލެވެލް ތިނެއްގެ ނެޝަނަލް އޮކިއުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް، ޓްރެއިނިންގް ޕެކޭޖު ހެދުމުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބ. ތުޅާދޫގައި ލިޔެލާޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީނު މަރުކަޒެއް، ދ. ރިނބުދޫގައި އަތްތެރިމަސައްކަތް ދަސްކޮށްދޭ ތަމްރީނު މަރުކަޒެއް، އަދި ގދ. ގައްދޫގައި ތުނޑުކުނާވިޔުމާ ބެހޭ މަސައްކަތް ދަސްކޮށްދޭ ތަމްރީނު މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އުސްގެކޮޅުގައި ބިނާކުރައްވަމުންގެންދަވާ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ މަސައްކަތް ނިމި، މިއަހަރު ތެރޭގައި އެ ދާރުލްއާސާރު ހުޅުވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ޒަމާންވީ ރަށްވެހިކަމުގެ ޙަޟާރަތުގެ ހައިސިއްޔަތު ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޝަރަފުވެރިކުރުމުގެ ގޮތުން، ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހި ހިރިގަލުގެ މިސްކިތްތަކާއި ގަލުވަޑާން ދަފުތަރުކުރުމަށްޓަކައި، އެ ކަމާ ގުޅޭ ނޮމިނޭޝަން ޑޮސިއަރ ހުށަހަޅުއްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ތަރިކައިގެ ދާއިރާގެ ޢިލްމީ މުޖުތަމަޢެއް ޤާއިމުކުރުމުގެ ގޮތުން ފައްޓަވާފައިވާ ދިރާސީ މަސައްކަތްތަކަށާއި، ހ.އ އުތީމު، ތަކަންދޫ އަދި ބާރަށުގައި ކުރިއަށްގެންދަވާ ދިވެހި ތަރިކައިގެ ޤައުމީ މަޝްރޫޢުތަކަށްވެސް ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ދިވެހި ރީތި އުޅުމާއި ގުޅުން އިޔާދަކޮށް ތަރައްޤީކުރުމުގެ ޤައުމީ ތަސައްވުރެއް އެކުލަވާލައްވައި، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ފަށައި، އިޙުތިރާމް އަދާކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިނެއް ރާއްޖޭގައި ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގާ ތަރުބަވީ ޚާއްޞަ ޕްރޮގްރާމް "ބިންގާ" ގެ ނަމުގައި މިހާރު ވާނީ ހިންގަންފަށާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި މަސައްކަތްތަކަށް ބޭނުންވާ ޤާނޫނުތައް ވުޖޫދުކުރެއްވުމުގެ ގޮތުން، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ