މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހެޔޮ އަގުގައި މަސްވެރިންނަށް ސަރުކާރުން ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި އުނދަގޫ ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދޫކުރަމުންދާ ކަމަށެވެ. 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، މިހާތަނަށް 958 ދޯންޏަކަށް 1.1 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.
"މިހާތަނަށް 958 ދޯންޏަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު މި ދޯނިތަކަށް ތެޔޮ ދޫކުރާ ތަންތަނުން ތެޔޮ ލިބިގަންނާނެ. 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ލީޓަރަށްވުރެ ގިނަ ތެޔޮ މި ހާލަތުގައި ސަރުކާރުން މިދޭ އެހީތެރިކަމާއިއެކު ޔަޤީނުންވެސް ދޯނިތަކަށް އަޅައިފި." ވަޒީރު ވިދާޅުވިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ، ކޫއްޑޫއިންނެވެ. އެއީ، 583،220 ލީޓަރުގެ ތެލެވެ. އަދި މިފްކޯ އައްޑޫ ސެންޓަރުން 255،445 ލީޓަރުގެ ތެޔޮ، މިފްކޯ ހުޅުމާލެ ސެންޓަރުން 133،004 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ. ހިންމަފުށި ސެންޓަރުން 62،251 ލީޓަރު އަދި ފެލިވަރު ސެންޓަރުން 72،710 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ.
މިދިޔަ މަހުގެ 5 ވަނަ ދުވަހު މިފްކޯއިން ބުނީ، މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށެވެ. މިފްކޯއިން ވިދާޅުވީ، ކުރިއެކޭވެސް އެއްގޮތަށް މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ، ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށެވެ.
މަސްވެރިންނަށް ޚާއްސަ އަގެއްގައި މިހާތަނަށް 1.1 މިލިޔަން ލީޓަރުގެ ތެޔޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ