ކުންފުނިތަކުގައި ތިބީ 42،000 މުވައްޒަފުން، 33 ޕަސެންޓް މަދު ކުރަނީ ބައެއް ކުންފުނިތަކުން: ޒަމީރު

ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން އަންގައިފައިވާއިރު، އެ ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުން ކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، އެ މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައިވާކަން ހާމަކޮށްފައެވެ. އެއީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގީ، މެދުއިރުމަތީގައި ފެބްރުވަރީ 28އިން ފެށިގެން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ގިނަ ބަޔަކު ސަރުކާރަށް ގޮވާލައިފައިވަނިކޮށެވެ. ނަމަވެސް، މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް މުހިންމު އިންތިޚާބުތައް ކައިރިވެފައި ވަނިކޮށް ވެސް، ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން އިއުލާނުކުރި ފަހުންނެވެ. https://sun.mv/220794 އެ ހަނގުރާމައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކަށް ޚާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޒަމީރު ވަނީ މިނިސްޓްރީން ޕީސީބީއަށް އެންގި އެންގުމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކަކީ އަބަދުވެސް މީހުން ނެގުމާއި ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކުންފުނިތައް ކަމަށެވެ. އެކަމަކު އަޅުގަނޑުމެންގެ އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ ހުރިހާ އެސްއޯއީތަކުގައި ވަޒީފާގައި. ޕީސީބީން އެކަމަކު އެ ޑޭޓާ ބަލަހައްޓާނީ، މި ދެންނެވީ އިންޑިވިޖުއަލް ކުންފުނިތަކުން ބަލަހައްޓާނީ. އެކަމަކު އަޅުގަނޑުމެންގެ މިހާރު އެސްޓިމޭޓަކީ 42،000 ތިބޭނެޔޭފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޒަމީރު ވިދާޅުވީ ކޮންމެ ކުންފުންޏަކުން 33 އިންސައްތަ މުވައްޒަފުން ކަނޑަން މަސައްކަތް ކުރި ނަމަވެސް، އެ ކުންފުންޏެއްގެ މަސައްކަތްތަކަށް ބަލާއިރު އެ އަދަދަށް މުވައްޒަފުން ނުކެނޑިދާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ރައިޓްސައިޒް ކުރާން، 33 ޕަސެންޓް ނުކެނޑިދާނެ، މިސާލަކަށް ބަލާ ކަމަށްވާނަމަ އައިއޭއެސް، އައިއޭއެސްއަކީ އެސްއޯއީއެއް، އައިއޭއެސްގައި ނުޖެހޭނެ އެހާ އަދަދަކަށް މަދުކުރާކަށް، އެ އަދަދަކަށް މަދުކޮށްފިއްޔާ ކުންފުނި ނުހިންގޭނެފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އަންގައިފައިވަނީ އެ ކުންފުންޏެއްގެ މަސައްކަތްތަކަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ބަލައިގެން މުވައްޒަފުން ވަކިކުރަން ކަމަށެވެ. އެގޮތުން، މިނިސްޓްރީން އެދުނު ގޮތަށް މުވައްޒަފުން މަދުކުރަން ޕީސީބީން މިދިޔަ ހޮނިހިރު ދުވަހު ކުންފުނިތަކަށް އަންގައިފައިވާ ކަމަށާއި ކުންފުނިތަކުން މިހާރު އެ މަސައްކަތް ފަށައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި 30،312 މުވައްޒަފުން ތިބި ކަމަށް ފަހުގެ ތަފާސްހިސާބުން ދައްކާއިރު، އެ އަދަދާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު އެއް ކުރުމުން ޖުމްލަ 72،312 އަށް އަރައެވެ. https://sun.mv/205473 އާބާދީގެ ނިސްބަތުން އެހާ ގިނަ އަދަދެއްގެ މީހުން ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރުމަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ އަދި ރަނގަޅު އިގްތިސާދެއް އޮތް ގައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫންކަން މާހިރުން ފާހަގަކުރައްވައެވެ. އަދި ސަރުކާރުން ޚަރަދުކުރާ މަގާމުތައް އިތުރުވުމުން، ދައުލަތުގެ ފައިސާގެ ބޮޑު ބައެއް މުސާރައަށް ޚަރަދު ކުރަން ޖެހި، ގައުމު ދެރުމާއި ތަރައްގީ މަޑު ޖެހުމުގެ ނުރައްކާ އޮންނަ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެއެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ނަގާ ދަރަނި ފުނިޖެހެމުން ގޮސް، ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ. އެފަދަ އިސްލާހުތައް ގެންނަން މި ސަރުކާރުން ވެސް ވައުދުވެފައިވީ ނަމަވެސް، ޕެންޝަނާއި ސަބްސިޑީ ނިޒާމު އިސްލާހު ކުރުން ފަދަ އިސްލާހުތައް ވަނީ މަޑުޖެހިފައެވެ. މީގެ އިތުރުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ވެސް ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން އޮވެއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖޭގައި މުހިންމު އިންތިޚާބުތަކެއް އޮތްއިރު، މިދިޔަ މަހުގެ އެކަކުން 28އަށް އެކަނިވެސް އެމްޓީސީސީން ޖުމްލަ 1،185 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެއެވެ. އޭގެ ސަބަބުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި މައި ދެ އިންތިޚާބު ކަމަށްވާ، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓު ވެސް ނިމުނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ނާކާމިޔާބީއަށް ފަހު ރައީސް ވަނީ ކެބިނެޓަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަައިފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު 10 ވަޒީރަކު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. އަދި ހުސްވި މަގާމުތަކަށް އާ ބޭފުޅުން އައްޔަންކުރެއްވިއިރު ރައީސް ވަނީ މިނިސްޓްރީތަކުގެ އަދަދު 20އިން 15އަށް މަދުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ