ބޮޑު ބަދަލުގެ ހުށަހެޅުން: ނަޝީދަށް ރައީސްކަން، ފައްޔާޒު ސަރުކާރު ހިންގަން

ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސް ހުންނެވުމާއެކު، ސަރުކާރުގެ ވެރިޔަކު ވެސް ހުންނަގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނައުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - 'ބޮޑު ބަދަލު'ގެ ނަމުގައި މި ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ހާމަކުރެއްވީ އެ ދެބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި މަސައްކަތުގެ ތެރޭގައި، ވެރިކަމުގެ ވަށްޓަފާޅިއަށް ގެންނަން ބޭނުންވާ ބަދަލުތައް ހިމެނޭހެން، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބައިވެރިކަން އިތުރުކުރުން އަދި އިގްތިސާދީ ފުއްދުންތެރިކަން އިތުރުކުރުމާ ގުޅޭ ބަދަލުތަކެއް ހިމެނެ އެވެ.
ތަފްސީލް - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި ބައެއް އުނިކަންކަން ކަމުގެ ސަބަބުން، ރާއްޖޭގައި ވެރިކަން ހިންގަމުންދަނީ ރައީސްގެ ބާރު ގިނަވެ، ރައްޔިތުންގެ އާންމު ހާލަތު ނިކަމެތިވާ މިސްރާބަށް ކަމަށެވެ. 
އެހެންވެ، ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެނައުމަށް ހުށަހެޅުއްވި އެވެ. އޭގެތެރޭގައި ހިމެނެނީ:
ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން
ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން 
ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން
ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ، ރައްޔިތުންގެ މަޖިލިސް އާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން
ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސް ކަމަށް ކަނޑައެޅުން
އެނގުން މުހިންމު - ކުރީގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި، ނަޝީދަކީ އަބަދުވެސް މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ކަމުނުދާ ކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އެމަނިކުފާނު ބޭނުންފުޅުވީ ބަރުލަމާނީ ނިޒާމެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގަވާށެވެ.
ސޯލިހާއި ނަޝީދުގެ ދެމެދުގައި ފުރަތަމަ ހިތްހަމަނުޖެހުންތައް އުފެދުނީ ވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމުގެ މަޝްވަރާތަކާއި އެ ބަދަލަށް އެއްބާރުލުން ނުދެއްވުމުންނެވެ.
އެކަމަކު، 2018ވަނަ އަހަރު އެމްޑީޕީން އިންތިހާބަށް ނެރުނު މެނިފެސްޓޯގައިވެސް އެވާހަކަތައް އޮތެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި 'ބޮޑު ބަދަލު'ގެ ޕްރެޒެންޓޭޝަންގައި، ވެރިކަމުގެ ވަށްޓަފާޅިއަށް ގެންނަން ބޭނުންވާ މި ބަދަލުތަކުގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް ހިމެނެ އެވެ.
އަދި، ރައްޔިތުންގެ ބައިވެރިކަން އިތުރުކުރުން އަދި އިގްތިސާދީ ފުއްދުންތެރިކަން އިތުރުކުރުމާ ގުޅޭ ބަދަލުތަކެއް ވެސް ހިމެނެ އެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމަކީ:
މަޖިލީހުގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުން 
މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން
ދާއިރާގެ މަސްލަހަތުގެ ބަދަލުގައި ގައުމީ މަސްލަހަތަށް ވަކާލާތުކުރާނެ ގައުމީ މެމްބަރުންނަށް ފުުރުސަތު ދިނުން
މެމްބަރުންގެ ރިކޯލު ވޯޓެއްގެ ނިޒާމު ގާއިމުކުރުން
އަންހެނުންނަށް މަޖިލީހަށް އާދެވޭނެ އިތުރު ގޮތްތައް ހޯދުނ
ގާނޫނުއަސާސީ ތަފްސީލުކުރުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ޖެހޭގޮތަށް ބަދަލުކުރުން
މިނިވަން މުވައްސަސާތައް ޒިންމާދާރުކުރުވަން އޯވަސައިޓް ކޮމިޝަނެއް އުފެއްދުން
އޯވަސައިޓް ކޮމިޝަނުގެ މެމްބަރުން މަޖިލީހުން އައްޔަންކުރާގޮތް ހެދުން 
އެ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ ވޯޓުން ވަކިކުރެވޭގޮތަށް ބަދަލުކުރުން
ކައުންސިލަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭގޮތަށް ނޫނީ ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް ނުގެނެވޭގޮތް ހެދުން
ދެން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ހުށަހަޅާ ބަދަލުތަކެކެވެ. އޭގެތެރޭގައި، ހިޔާލު ހޯދުމުގެ ވޯޓުތައް ގިނަކުރުމާއި، ދައުލަތުގެ އެންމެ މަތީވެރިޔާ ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓުން ކަމަށް ހެދުމާއި މަޖިލިސް މެމްބަރުންގެ ވޯޓުން އެކަނި މިހާރު ނިންމޭ ބައެއް ކަންކަމުގައި ކައުންސިލަރުންގެ ހިއްސާބޮޑުކުރުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ