މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިއަހަރު އިތުރުވެފައިވާކަމަށް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ހައި އެންޑް ޓޫރިޒަމް އަށް ކުރިއެރުން އަންނަ ކަމަށާއި އެއާއެކު ޕްރައިވެޓް ޖެޓް އަންނަވަރު އިތުރު ކުރެވޭ ކަމަށެވެ.
ތަފްސީލް - މިއީ ޓޫރިޒަމާއި ވައިގެ ދަތުރުފަތުރަށް ބަލާއިރު ހެޔޮ ބަދަލެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަމީން ވިދާޅުވީ:
މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އަށް 84 ޕްރައިވެޓް ޖެޓު އައި. މި އަހަރު އެ އަދަދު ހުރީ 189 ގައި (%125 އިތުރު)
މި މަހުގެ މިހާތަނަށް 93 ޖެޓު އައި؛ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެޓް މޫމަންޓުގެ އަދަދަކީ 64 (%45 އިތުރު)
މިނިސްޓަރު ވިދާޅުވީ އިއްޔެ އާއި ހަމައަށް 740،365 ފަތުރުވެރިން މި އަހަރު ތެރޭ އައިސްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޖުމްލަ 764،159 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަހަރުން އަހަރަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ ވަނީ %3.2 ދަށްވެފަ އެވެ.
އަމީން ވިދާޅުވީ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުންނާއި އިތުރު އެއާލައިންތަކުން ރާއްޖެ އަށް ދަތުރުފެށުމާއެކު މިދިޔަ ހަފްތާ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު %2.2 އިތުރުވެފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާއެކު17 ނޫނީ18 ޝެޑިއުލް ފްލައިޓު ކެންސަލްވިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާއިރު ބައެއް އެއާލައިންތަކުގެ ދަތުރުތައް އަލުން ފަށާފައިވާ ކަމަށެވެ.
"އަދިވެސް އަޅުގަނޑުމެންގެ ހާލަތަކީ މީގެ ކުރިން އޮތް ހާލަތެއް ނޫން. އެ ފުލް ސްކޭލަކު އެއްވެސް އެއާލައިނަކަށް އަދި އޮޕަރޭޓެއް ނުކުރެވޭ. މިއީ ރާއްޖެއަށް އެކަނި އޮތް ހާލަތެއް ނޫން،" އަމީން ވިދާޅުވި އެވެ.
"ނިސްބަތުން ބަލާއިރު އަޅުގަނޑުމެންގެ އެރައިވަލްސް ޕަސެންޓޭޖު ރަނގަޅު."
އަމީން ވިދާޅުވީ އާ އެއާލައިންތަކުގެ އިތުރުން ރާއްޖެ އަށް އާންމުކޮށް ދަތުރު ކުރާ އެއާލައިންތަކުގެ ފްރެކުއެންސީ ވެސް އިތުރުކޮށްފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ޓޫރިޒަމް އަދި އޭވިއޭޝަން ދާއިރާ ޑައިވަސިފައި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިމާވި ހާދިސާ އަށް ބަލާއިރު ވައިގެ ދަތުރު ފަތުރާއި ޓްރާންސްޕޯޓާ ޓޫރިޒަމް ދާއިރާގެ ރިކަވަރީ ފެންނަނީ ރަނގަޅަށް ކަމަށެވެ.
ޕްރައިވެޓް ޖެޓުތައް އިތުރުވެއްޖެ، ރިކަވަރީ ރަނގަޅު: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ