މަސުޗޫސުޓްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 31) - ތިން ދުވަހުގެ ތެރޭގައި ދެކުނު އެމެރިކާގެ ވަރުގަދަ ދެ ބާރު ކަމަށްވާ ބްރެޒިލާއި ކޮލަމްބިއާ އަތުން އެކުވެރިކަމުގެ ދެ މެޗުން ފްރާންސް އިން މޮޅުވި ކަމުގައި ވިޔަސް އެ ޓީމުން ހަަމަބިމުގައި ތިބެ ވިސްނުންތެރިކަމާ އެކު ކުރިއަށްދިއުން މުހިންމު ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
އެމެރިކާގައި ފްރާންސް އިން މިދިޔަ ތިން ދުވަސް ތެރޭ އެކުވެރިކަމުގެ ދެ މެޗެެއް ވަނީ ކުޅެފަ އެވެ. އެ ގޮތުން ބްރެޒިލާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި ފްރާންސް އިން ރޭ ވަނީ ކޮލަމްބިއާ އަތުން 3-1 އިން މޮޅުވެފަ އެވެ. ރޭގެ މެޗަށް ފަހު، ފްރާންސްގެ ލޫކަސް ހެނާންޑޭޒް ވަނީ ކީޕަރުން ފަށައިގެން އެޓޭކަށް ފްރާންސްގައި އޮތީ އާދަޔާހިލާފު މޮޅު ޓީމެއް ކަމަށާއި އޭނާ ގަބޫލުކުރާ ގޮތުގައި މުޅި ދުނިޔޭގެ ފުޓްބޯޅައިގައި ވެސް މި ވަގުތު އެންމެ ވަރުގަދަ އެޓޭކެއް އޮތީ ފްރާންސްގައި ކަމަށެވެ.
ހެނާންޑޭޒްގެ އެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ޑެޝޯމްޕްސް ބުނީ، އޭނާ އަށް އެނގިގެން އެ ކަހަލަ ވާހަަކަތައް ނުދެއްކޭނެ ކަމަށެވެ. އަދި، އެންމެ މުހިންމު ކަމަކީ އަމިއްލަ އަށް ނުރަނގަޅު ޕްރެޝަރުތަކެއް އަންނާނެ ފަދަ ވާހަކަ ނުދައްކައި، ވިސްނުންތެރިކަމާ އެކު، ހަމަބިމުގައި ތިބެގެން އަމާޒުތަކަށް ވާސިލްވާން މަސައްކަތް ކުރުމަށް ކަމުގައި ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
"އަހަރެމެން ހުރި ހިސާބެއްގައި ތިބި ގޮތުގެ ވާހަކަ ބުނަންވީ ތައްޔާރީތަކާ މެދު، އިތުރު ގިނަ ވާހަކަ ދެއްކުމުގެ ނުރަނގަޅު ޕްރެޝަރު ޓީމަށް އައުން އެއީ ގޯސްކަމެއް،" 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކެޕްޓަނެއްގެ ގޮތުގައި ފްރާންސަށް ހޯދައިދީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ކޯޗު، ޑެޝޯމްޕްސް ބުންޏެވެ.
އޭނާ ބުނީ ފްރާންސްގެ ފެންވަރާ މެދު އެއްވެސް ބަޔަކު ސުވާލު އުފައްދާނެ ކަމަށް ނުބެލެވޭ ކަމަށާއި ވިސްނަންވީ ރަނގަޅު ގޮތުގައި ތިބެ މޮޅު ކުޅުމެއް ދައްކައިގެންކުރިއަށް ދިއުމަށް ކަމަށެވެ.
"އަހަރެން އަޑުގަދަކޮށް ހަޅާލަވާފައި ނުގޮވާނަން އަހަރެމެންނަކީ އެންމެ ވަރުގަދަ ޓީމޭ. އެހެން ޓީމުތަކަށް ވެސް އިހުތިރާމް އޮންނަން ވާނެ،" ޑެޝޯމްޕްސް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ނިމުމުން، ސާދަ އަހަރަށް ފަހު، ޑެޝޯމްޕްސް، ފްރާންސްގެ ކޯޗުކަމުން ވަކިވާނެ އެވެ. އަދި، ޖޫން މަހު ފަށާ ވޯލްޑް ކަޕްގައި ފްރާންސް އިން ކުޅޭނެ ސްކޮޑު އިއުލާނުކުރަން ޑެޝޯމްޕްސް ނިންމާފައި އޮތީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
ފްރާންްސް އިން ހަމަބިމުގައި ތިބުން މުހިންމު: ޑެޝޯމްޕްސް ފްރާންްސް އިން ހަމަބިމުގައި ތިބުން މުހިންމު: ޑެޝޯމްޕްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ