ޑި ޒާބީގެ ވިސްނުމަކީ ދިގު މުއްދަތަކަށް ޓޮޓެންހަމް ކޯޗަކަށް ހުރުން ޑި ޒާބީގެ ވިސްނުމަކީ ދިގު މުއްދަތަކަށް ޓޮޓެންހަމް ކޯޗަކަށް ހުރުން

ލަންޑަން (އޭޕްރީލް 2) - މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވި ތިން ވަނަ ކޯޗު އިޓަލީގެ ރޮބާޓޯ ޑި ޒާބީ، އެ ކްލަބްގައި ދިގު މުއްދަތަކަށް ހުންނަން ބޭނުންވާ ކަމަށް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޔޫރޮޕާ ލީގު ޓޮޓެންހަމް އަށް ހޯދައިދީ، 17 އަހަރު ވަންދެން އެ ޓީމުން ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުން ގެނެސްދިން ކޯޗު، އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ، އެ ކާމިޔާބީ ހޯދިތާ 16 ދުވަސް ފަހުން ޓޮޓެންހަމް އިިން ވަކިކުރީ މިދިޔަ ޖޫން މަހު އެވެ. އަދި، ބްރެންޓްފޯޑްގެ ކުރީގެ ކޯޗު ތޯމަސް ފްރޭންކް، އެ ޓީމުގެ ކޯޗަކަށް ގެނައީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މިދިޔަ ފެބްރުއަރީ މަހު، އެ މަގާމުން ފްރޭންކް ވަކިކުރި އެވެ.
ފްރޭންކް ވަކިކުރިއިރު، އެ ޓީމަށް ގެނައި، ކްރޮއޭޝިއާގެ ކޯޗު އީގޯ ޓޫޑޯ އަށް ޓޮޓެންހަމް ކޯޗަކަށް ހުރެވުނީ 44 ދުވަހު އެވެ. އަދި، މި ސީޒަނުގެ ނިޔަލަށް ޓޫޑޯ ހަވާލުވި، ޓޮޓެންހަމް އިން 2026 ވަނަ އަހަރު ލީގުގެ މެޗެއްގައި މޮޅެއް ނުހޯދަ އެވެ. އަދި، އޭނާ ވަކިކުރިއިރު ވެސް އެ ކަމަށް ބަދަލެއް ނާދެ އެވެ.
ބްރައިޓަން އާއި މާސޭގެ ކުރީގެ ކޯޗު، ޑި ޒާބީ، 46، އަށް ޓޮޓެންހަމްގެ ކޯޗުކަން ދިނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، ކޯޗިން ކެރިއަރުގައި މިހާތަނަށް ޑި ޒާބީ ހަވާލުވި އެއްވެސް ކްލަބެއްގައި ތިން އަހަރަށް ވުރެން ގިނަ ދުވަހު ކޯޗުކަން ކޮށްފައިނުވެ އެވެ. އެންމެ ގިނަ ދުވަހު ހުރީ އިޓަލީގެ ސަސުއޯލޯއާ ހަވާލުވެ އެވެ. އެ ޓީމުގައި ދެ އަހަރާއި ނުވަ މަސް ދުވަހު ކޯޗުކަމުގައި ހުރި އެވެ. އަދި، އެންމެ ފަހުން ކޯޗުކޮށްދިން ފްރާންސްގެ މާސޭގައި ހުރީ 19 މަސް ދުވަހު އެވެ.
"އަހަރެން ބޭނުން މި ބޮޑު ކްލަބްގައި ދިގު މުއްދަތަށް ހުންނަން. ވަރަށް އަވަހަށް ބައްދަލުކުރާނަން،" ޓޮޓެންހަމްގެ މީޑިއާ އަށް ޑި ޒާބީ ދިން އިންޓަވިއުގައި ބުންޏެވެ.
ޑި ޒާބީ، ޓޮޓެންހަމްއާ ދިގު ކޮންޓްރެކްޓެއްގައި ހަވާލުވިއިރު، އެ ޓީމު އޮތީ ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނަށް ވުރެން އެއް ޕޮއިންޓް ކުރީގަ އެވެ. ޓޮޓެންހަމް އަށް މި ސީޒަނުގައި ބާކީ އޮތީ އެންމެ ހަތް މެޗެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ހަތް މެޗެވެ.
ރިޕޯޓްތައް ބުނާގޮތުން، ޓޮޓެންހަމް މި ސީޒަނުގައި ރެލިގޭޓްވެއްޖެނަމަ، ޑި ޒާބީ އަށް ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ ފުރުސަތު ލިބިދެ އެވެ. އަދި، ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތްވެއްޖެނަމަ، ޑި ޒާބީ އަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބޯނަހެއް ދޭން ޓޮޓެންހަމް އިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ