އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން އުމްރާ ދަތުރުގެ އިތުރުން އޭސީ އާއި ފްރިޖްވެސް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ބަހައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އޭސީ އާއި ފްރިޖް ބެހީ ސ. ހުޅުދޫގައި ހުންނަ ޕީއެންސީ ހަރުގެއިންނެވެ. އެއީ ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރިންގެ މެދުގަ އެވެ.
ހުޅުދޫގެ އިތުރުން އެހެން ރަށްތަކުގައި ވެސް ޕީއެންސީން ބާއްވާ އެކި ހަރަކާތްތަކުގައި ގުރުއަތުން ހޮވޭ މީހުންނަށް އެކި އިނާމުތައް ދަނީ ބަހަމުންނެވެ.
ނ. ކެނދިކުޅުދޫ ޕީއެންސީ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ ފަރާތުން ވަނީ އެ ރަށު ސްކޫލަށް 75 އިންޗީގެ ދެ ޓީވީ ހަދިޔާކޮށް، އިތުރު ތިން ޓީވީ ހޯދުމަށް ބޭނުންވާ ފައިސާ ދީފަ އެވެ..
ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ އަތޫފް އާއި އާމިނަތު ލީނާގެ ފަރާތުން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ގުރުއަތުން ހޮވުނު ނަސީބުވެރިޔަކަށް އުމްރާ ދަތުރެއް ވެސް ދިނެވެ.
"މި ހަފްލާގެ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އުމްރާ ދަތުރެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައި،" މެދުހެންވޭރު ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖުގައި ބުންޏެވެ.
އިންތިހާބާ ދިމާކޮށް އުމްރާ ދަތުރުގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ބަހަމުންދާއިރު، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ އެކި ކުއިޒްތަކުން ހޮވޭ މީހުންނަށް ފައިސާ އާއި އެހެނިހެން ތަކެތިވެސް ބަހަމުންދާކަން ފާހަގަކުރެވެ އެވެ.
ސަރުކާރުން ދަނީ ކައުންސިލް އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ބަހައި، ޕްރޮމޯޝަންތައްދީ، އިންތިހާބަށް ނުފޫޒު ފޯރާނެ ގިނަ ކަންކަން ކުރަމުންނެވެ. އިންތިހާބުގައި ސަރުކާރުން ބުނާ ގޮތަށް ވޯޓު ނުދީފިނަމަ، ވަޒީފާއިން ކަނޑާލާނެކަމުގެ ބިރުވެސް ދައްކަމުންދާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރަށް ކަނޑާލައި، މާލެހިޔާ އަދި ސިނަމާލެ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވެސް ސަރުކާރުން އިންތިހާބާ ދިމާކޮށް ވަނީ ނިންމާފަ އެވެ.
ސަރުކާރާއި ޕީއެންސީގެ އަމަލުތަކާ ގުޅިގެން މިނިވަން މުއައްސަސާތަކަށް ގިނަ އަދަދެއްގެ މައްސަލަތައް ހުށަހެޅި ނަމަވެސް، އެ މައްސަލަތައް އެދެވޭ ގޮތެއްގައި ނުބަލާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އުމްރާ ދަތުރުގެ އިތުރުން ޓީވީ އާއި އޭސީ އާއި ފްރިޖްވެސް ޕީއެންސީން ބަހަނީ އުމްރާ ދަތުރުގެ އިތުރުން ޓީވީ އާއި އޭސީ އާއި ފްރިޖްވެސް ޕީއެންސީން ބަހަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ