މާލޭގެ މޭޔަރުކަމަށް ހޮވައިދީފި ނަމަ މުރާލިކަމާއި އިހުލާސްތެރިކަމާ އެކު މާލޭ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދޭނެ ކަމަށް، ވެރިކަންކުރާ ޕާޓީ ކަމަށްވާ ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ރޭ ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި، ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަލީލު ވިދާޅުވީ، މާލޭ ސަރަހައްދުން ހިއްކާފައިވާ ތަންތަނާ އެކު، ބޮޑު މާސްޓަޕްލޭނެއްގެ ދަށުން ރާއްޖެ ދުވަހަކު ނުދެކޭވަރުގެ އުމްރާނީ ތަރައްގީއެއް އެބަ ގެންނަ ކަމަށެވެ. އެއާ އެކު، މުޅި މާލޭގެ ޖިއޯގްރަފީ ބަދަލުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރުން ކުރާ މަސައްކަތްތަކަށް މާލޭ ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނަތީޖާ ނެރެން އުނދަގޫވެފައިވާކަން ފާއިތުވި ތަޖުރިބާއަށް ބަލާއިރު ފެންނަން އެބައޮތް ކަމަށް ޖަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން:
ސަރުކާރުގެ ނިންމުންތަކާއި ޕްލޭންތަކަށް އެންމެ ގާތުން އެއްބާރުލުންދޭންޖެހޭނެ ބަޔަކީ ކައުންސިލުތައް
ކައުންސިލުތަކުގެ އެންމެ އިސް ޒިންމާއެއް ހަވާލުކުރެވިފައިވަނީ މޭޔަރަށް؛ އެހެންވީމާ މޭޔަރު ވާންޖެހޭނީ އަމިއްލަ ޖަޒުބާތުތަކުގެ ކުރިއަށް ރައްޔިތުންގެ ވޭންތަކަށް އޯގާތެރިވާ މީހަކަށް
މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒަށް ދޭންޖެހޭ އެއްބާރުލުން ދިނުމަކީ މޭޔަރެއްގެ ހައިސިއްޔަތުން އޭނާގެ އެންމެ މުހިންމު އަޒުމް
އޭނާއަކީ ގައުމުގެ މިނިވަންކަމަށް ހަމަލާދެވުނު ވަގުތު މޭ އައްޑަނަޔަކަށް ދިއްކޮށްލި ގައުމީ ދަރިއެއްކަން ފާހަގަކުރައްވައި ޖަލީލު ވިދާޅުވީ، އަނެއްކާވެސް ރައްޔިތުންގެ ހިދުމަތަށް ނުކުންނަވަނީ އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ.
"އަޅުގަނޑަކީ އެއްވެސް އިރެއްގައި ހިދުމަތުގެ ހަވާސާގައި ހުރި މީހަކީމެއް ނޫން. އަޅުގަނޑުގެ މިޒާޖަކީ މުރާލިކަން. ގައުމާއި ރައްޔިތުން އިސްކުރުން. ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވީ މީހެއް ނޫން. އަބަދު ވެސް އަޅުގަނޑަކީ ދިވެހި ގައުމާއި އަމާންކަމާއި ސަލާމަތަށްޓަކައި ކުރިއަށްދިޔަ ހިދުމަތްތެރިއެއް. ތިބޭފުޅުން ވަނީ އެތައް ރޮނގަކުން އަޅުގަނޑުގެ މި ސިފަ ތަޖުރިބާ ކުރައްވާފައި،" ޖަލީލު ވިދާޅުވި އެވެ.
މީގެ އިތުރުން، ޖަލީލު ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި މަގުތަކުގެ މައްސަލަައިގެ އިތުރުން ބިދޭސީންގެ މައްސަލަތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރާ އެކު މަސައްކަތްކުރައްވާނެ ކަމަށެވެ.
"ތިބޭފުޅުންނަށް އަޅުގަނޑު އަރުވާ ޔަގީންކަމަކީ އަޅުގަނޑަކީ ކަންކުރާނެ މީހެއްކަން. ކުރެހުންތައް ހަގީގަތަކަށް ބަދަލުކުރާނެ މީހެއްކަން. ކުރިއަށް އޮތް ތަނުގައި ވެސް އުސޫލުތައް ދަމަހައްޓާނެ އިހުލާސްތެރިއެއްކަން،" އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުގެ މިޒާޖަކީ މުރާލިކަން؛ އިހުލާސްތެރިކަމާ އެކު ނަތީޖާ ނެރެދޭނަނަން: ޖަލީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ